ENGLISH

14 ޖެނުއަރީ 2026

Advertisement

ކާބޯތަކެތީގެ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުމަށް "ވާދޫ ގްރީން ފާމް" ހުޅުވައިފި

13 ޖެނުއަރީ 2026

|

ސުވެއިދާ ހުސެއިން

ކާބޯތަކެތީގެ ރައްކާތެރިކަމާއި އަންހެނުން ބާރުވެރި ކުރުމަށް "ވާދޫ ގްރީން ފާމް" ހުޅުވައިފިއެވެ.

މި ފާމް ރަސްމީކޮށް ހުޅުއްވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު، ޑރ. މަރިޔަމް މަރިޔާ އެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢަކީ ޔޫ.އެން.ޑީ.ޕީ އާއި، އެ ވުޒާރާއާއި، އަދި ވާދޫ އެސޯސިއޭޝަން ފޯރ ފިއުޗަރ ޑިވެލޮޕްމެންޓް (ވީ.އޭ.އެފް.ޑީ) ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގައި ރަށްފުށުގެ މުޖުތަމަޢުތައް އިސްކޮށްގެން ކުރިއަށްގެންދާ މޫސުމަށް އެކުވެރި ދަނޑުވެރިކަމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

އެ ވުޒާރާއިން ބުނިގޮތުގައި ވާދޫ ގްރީން ފާމް އިން ތަޢާރަފްކުރަނީ ސީދާ އިއާދަކުރަނިވި ހަކަތައިން ހިންގާ ހައިޑްރޮޕޯނިކްސް ދަނޑުވެރިކަމެވެ. މި މަރުކަޒުގައި ތިމާވެއްޓާ އެކުވެރި އެތައް ޓެކްނޮލޮޖީތަކެއް އެކުލެވިގެންވެއެވެ. 

އޭގެތެރޭގައި:

ސޯލާ-ޕަވަރޑް ހައިޑްރޮޕޯނިކްސް: ފެންދިނުމާއި ފިނިކުރުމުގެ ނިޒާމުތައް ހިންގުމަށް ފުރާޅުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ބޭނުންކުރުން.

ވަޞީލަތްތައް މެނޭޖްކުރުން: ވާރޭފެން ނަގާ ނިޒާމުތަކާއި ތިމާވެއްޓާ އެކުވެރި ގްރޯވިންގ މީޑިއާ އެކުލެވުން.

އުފެއްދުމުގެ ޤާބިލިއްޔަތު: މި ފެސިލިޓީގައި ކޮންމެ ފަހަރަކު 600 ކިލޯ ކިއުކަމްބާ އާއި 400 ކިލޯ ކާން ބޭނުންކުރާ ފަތުގެ ބާވަތްތައް އުފެއްދުމަށް ވަނީ ފަރުމާކުރެވިފައި.

މި މަޝްރޫޢުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ޖިންސީ ހަމަހަމަކަމާއި އަދި ރަށު ފެންވަރުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުމެވެ. މި ފާމުން ކޮންމެ މަހަކު ގާތްގަނޑަކަށް 80,000 ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭއިރު، މިއީ މުޖުތަމަޢަށް ދިރިއުޅުމުގެ ޤާބިލް ވަޞީލަތެއް ހޯދައިދޭނެ ކަމެކެވެ.

ވާދޫއިން 18 އަންހެނުންނަށް ވަނީ ހައިޑްރޮޕޯނިކްސް ދަނޑުވެރިކަމުގެ އެޑްވާންސްޑް ތަމްރީން ދެވިފައެވެ. އަދި ޓެކްނިކަލް ހުނަރު އިތުރުކުރުމަށް އިތުރު 25 އަންހެނުންނަށް ވަނީ ސޯލާ ހަކަތައިގެ ނިޒާމުތައް ހަރުކުރުމާއި ބެލެހެއްޓުމުގެ ޤާބިލްކަން އިތުރުކުރުމުގެ ތަމްރީން ދެވިފައެވެ.

އިއާދަކުރަނިވި ހަކަތަ ޤާބިލިއްޔަތުކަން މިހާރު އެރަށުގައި ޖުމްލަ 32.5 ކިލޯވޮޓްގެ ސޯލާ ހަކަތަ ވަނީ ޤާއިމްކުރެވިފައެވެ.

ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމުގެ ގޮތުން ޑީސަލް ބޭނުންކުރުން ވަނީ 32 އިންސައްތަ އަށް މަދުކުރެވި، ކޮންމެ އަހަރަކު 20 ޓަނަށްވުރެ ގިނަ ކާބަން ޑައިއޮކްސައިޑް ބޭރުވުން ކުޑަކުރެވިފައެވެ. މި ނިޒާމުތައް އަމިއްލައަށް ހިންގާ އަދި ބެލެހެއްޓުމަށް 40 އަށް ވުރެ ގިނަ މީހުނަށް ވަނީ ތަމްރީނު ދީފައެވެ.

ވުޒާރާއިން ބުނީ ވާދޫ ގްރީން ފާމް އަކީ ސީދާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް، ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީސް) ހާސިލްކުރުމަށް އެހީތެރިވެދޭ މަޝްރޫއެއް ކަމަށެވެ. ޚާއްޞަކޮށް، ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމާއި، މޫސުމަށް ބަދަލުވުމާ ދެކޮޅަށް މަސައްކަތްކުރުމާ، އަދި ހުރިހާ ފަރާތްތަކަށް ހަމަހަމަ އިޤްތިޞާދީ ކުރިއެރުމެއް ހޯދުމަށް އަމާޒުކުރާކަމަށާއި މިއީ ބައިނަލްއަޤްވާމީ މޫސުމީ ގޮންޖެހުންތަކާ ކުރިމަތިލާ ރަށްފުށުގެ ކުދި މުޖުތަމަޢުތަކަށް ބޮޑެތި ބަދަލުތައް ގެނެސްދެވިދާނެ ގޮތުގެ ޤައުމީ މިސާލެއްކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު