ENGLISH
13 ޖެނުއަރީ 2026
ޔޫތު ހަބުގައި ހިލޭ ދިވެހި ފިލްމު ބަލާލުމުގެ ފުރުސަތު
13 ޖެނުއަރީ 2026
|
ޔޫތު ހަބުގައި ބޭއްވުނު އިވެންޓެއްގެ ތެރެއިން-- ފޮޓޯ: ޒުވާނުން ބާރުވެރިކުރުމާއި ފަންނާއި ބެހޭ ވުޒާރާ
ޔޫތު ހަބުގައި މި ހަފްތާ ބަންދުގައި، އެންމެ ފަހުގެ ދިވެހި ފިލްމުތައް ހިލޭ ބެލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ފަންނާއި ބެހޭ ވުޒާރާއިން ބުނެފި އެެވެ.
އެ ވުޒާރާއިން ބުނީ، މި ޖެނުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ އެޅުވުމަށް ހަމަޖެހިފައިވަނީ ފިލްމު "އަލިފާން" ކަމަށެވެ. ޖެނުއަރީ 16 ވާ ހުކުރު ދުވަހުގެ ރޭ "އަލްވަދާއު" އެޅުވުމަށް ހަމަޖެހިފައިވާއިރު، ޖެނުއަރީ 17 ވާ ހޮނިހިރު ދުވަހުގެ ރޭ އެޅުވުމަށް ހަމަޖެހިފައިވަނީ "ފުރޭތަ" ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މި ތިން ފިލްމަކީ ވެސް 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ކުރެވިފައިވާ ފިލްމްތަކެކެވެ.
މުލީއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ތަރައްގީކޮށް ޔޫތު ހަބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
ޔޫތު ހަބު ފަރުމާކޮށްފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގަ އެވެ. މީގެ އިތުރުން އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯކް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތުތައް ވެސް ޔޫތު ހަބްގައި ފަހިވެގެންދާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.