ENGLISH

13 ޖެނުއަރީ 2026

Advertisement

މުޖުތަމަޢުގައި އެއްވެސް މީހަކު ބާކީ ނުވާނެކަން ދެ އަހަރުގެ މަސައްކަތުން ޔަގީންކުރެވިއްޖެ: ޒުހުރުބާން

13 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

އިޖުތިމާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒުހުރުބާން "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް

މުޖުތަމަޢުގައި އެއްވެސް މީހަކު ބާކީ ނުވާނެކަން މިދިޔަ ދެއަހަރުގެ މަސައްކަތުން ޔަގީންކުރެވިއްޖެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޒުހުރުބާން ވިދާޅުވެއްޖެއެވެ. 

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި، އިޖުތިމާޢީ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޒުހުރުބާން ވިދާޅުވީ، އެ ވުޒާރާގެ އިޙްތިޞާސްގައި، އަންހެނުންނާއި އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އާއިލާތައް ހިމެނޭހެން މުޅި މުޖުތަމަޢު ޝާމިލްވާ ކަމަށެވެ. 

"ވޭތުވެދިޔަ ދެ އަހަރުގެ މަސައްކަތުން އަޅުގަނޑުމެންނަށް ޔަގީންކުރެވިއްޖެ އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރޭގައި ހަވާސާވެގެން ހަމަ އެއްވެސް ފަރާތެއް ނުވާނެކަން. ވަރަށް ބޮޑަށް ވަރަށް ސަމާލުކަންދީގެން މަސައްކަތްތަކެއް ވޭތުވެދިޔަ ދެއަހަރު އަޅުގަނޑުމެންނަށް ކުރެވިގެން ހިނގައްޖެ" ޒުހުރުބާން ވިދާޅުވިއެވެ. 

ޒުހުރުބާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބެލިޔަސް އެމީހުން ބާރުވެރިކުރުވުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރެވިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ ދިރިއުޅުން އުފާވެރި ޙާލަތަކަށް ބަދަލުކުރުމަށް ގިނަ ފުރުޞަތުތަކެއް ހޯދައިދީފައިވާކަން ޒުހުރުބާން ފާހަގަކުރެއްވިއެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް މުޅި ރާއްޖޭގައި އެ ވުޒާރާގެ ޓީމުތަކުން ހަރަކާތްތެރިވިކަން ޒުހުރުބާން ފާހަގަކުރެއްވިއެވެ. އެފަރާތްތަކާއި ބައްދަލުކޮށް އަދާކުރެވޭނެ ވަޒީފާ ކަނޑައެޅުމާއި، ޝައުގުވެރިކަން ހުންނަ ދާއިރާތައް ބަލައި، ނުކުޅެދުންތެރިކަން ހުރި 350 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދީފައިވާކަމަށް ޒުހުރުބާން ވިދާޅުވިއެވެ. 

އިސްރަށްވެހިންގެ އާބާދީ އުމުރުން ދުވަސްވީ އާބާދީއާ ދިމާއަށް މިސްރާބު ހުރިއިރު، އެފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން ޒުހުރުބާން ފާހަގަކުރެެވިއެވެ. އެގޮތުން، މުޖުތަމަޢުގެ ތެރޭގައި އެމީހުންނަށް ހަރަކާތްތެރި ވެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ސްޓޭޓް މިނިސްޓަރ ޒުހުރުބާން އެދިވަޑައިގަތެވެ. 

ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މާލެ އާއި ހުޅުމާލޭގައި ހުޅުވި އިސްރަށްވެހިންގެ ނާދީއަށް ބޮޑު ތަރުހީބެއް ލިބޭކަން ޒުހުރުބާން ފާހަގަކުރެއްވިއެވެ. އަދި ގިނަ ބަޔަކު އެތަނުގައި ކޮންމެ ދުވަހަކު ހަރަކާތްތެރިވާއިރު މުހިއްމު ޕްރޮގްރާމްތަކެއް ނާދީގައި ކުރިއަށްގެންދާކަމަށް ޒުހުރުބާން ވިދާޅުވިއެވެ. 

ޒުހުރުބާން ވިދާޅުވިގޮތުގައި، އިސްރަށްވެހިންގެ ނާދީތައް އަތޮޅުތެރޭގައި ޤާއިމުކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގައި ހިމެނޭ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް އެ ވުޒާރާއިން ކޮށްފައިވާކަން ޒުހުރުބާން ފާހަގަކުރެއްވިއެވެ. 

ޒުހުރުބާނުގެ ވާހަކައިގައި، އަންހެންނުންނަށް މުޖުތަމަޢުގައި ސަމާލުކަން އިތުރުވާންޖެހޭކަން ފާހަގަކުރެއްވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ކަމެއް ބަދަލުވެގެންދާއިރު އަންހެނުންނަށް ލިބޭ ނިކަމެތިކަން އިތުރުވުމެވެ. އެގޮތުން، އަންހެނުން ބާރުވެރިކުރުވުމަށް މިދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ޒުހުރުބާން ފާހަގަކުރެއްވިއެވެ. އެގޮތުން އަންހެނުންނަށް ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމުގެ ގޮތުން ހުޅުވާލި، ފަށާ މަދަދު ލޯނަށް ބޮޑު ތަރުހީބެއް ލިބުނުކަން ވެސް ޒުހުރުބާނު ފާހަގަކުރެއްވިއެވެ. 

އާއިލާތަކުގެ ރައްކާތެރިކަމަށް އެ ވުޒާރާއިން ގިނަ މަސައްކަތްކަތެއް ކުރުމާއި، އެ އާއިލާތަކަށް ގިނަ ފުރުޞަތުތަކެއް ފަހިވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން، މިދިޔަ 15 ވަރަކަށް އަހަރު ބޮޑުނުވެ އޮތް އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް މި ސަރުކާރުން 3000 ރުފިޔާއަށް ބޮޑުކޮށްފައިވާކަން ޒުހުރުބާން ފާހަގަކުރެއްވިއެވެ. 

ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރުމަކީ އިޖުތިމާޢީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ސަމާލުކަންދެއްވާ ކަމެއްކަމަށާއި، އެ ވިސްނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ތަންފީޒުކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ޒުހުރުބާން ވިދާޅުވިއެވެ.  

ކިޔުންތެރިންގެ ހިޔާލު