ENGLISH
13 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: ހަތަރު މީހުންގެ އެކައުންޓްތަކުގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކުރި
13 ޖެނުއަރީ 2026
|
އަލިމަގު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ހައްޔަރުކުރި މީހުންގެ ބެންކު އެކައުންޓްތަކުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ވަނީ ޖަނަވަރީ 11 ވަނަ ދުވަހު ގއ.އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
މި އޮޕަރޭޝަނަކީ، ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައިވަނީ 2025 މާރިޗް މަހު އެވެ. ފުލުހުން ބުނި ގޮތުގައި މި ނެޓްވޯރކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ބުންޏެވެ.
އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި މި ނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.
މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށާ މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.
މި ފައިސާގެ ތެރެއިން، މިހާރު ފުލުހުންގެ ބަންދުގައި ހުރި އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) ދައުރު ކޮށްފައިވެ އެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 (ހަތަރުލައްކަ ތިރީސް ހާސް ހަ ސަތޭކަ ތިރީސް އަށް ރުފިޔާ ނުވަދިހަ ނުވަ ލާރި) އެވެ.
މީގެ އިތުރުން، އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 (ތިރީސްއަށް މިލިން އަށްލައްކަ ބާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި) ވަނީ ދައުރު ކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި އަޙްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 (ދެލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ތިރީސް ދޭއް ލާރި) އެވެ.
އަދި، ޝައްފާޙް ލަޠީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 (ހަ މިލިޔަން ނުވަލައްކަ ސޯޅަހާސް ހަތްސަތޭކަ ފަންސާ ދޭއް ރުފިޔާ އަށްޑިހަ ތިން ލާރި) ވަނީ ދައުރު ކޮށްފައެވެ. މި މުއްދަތު ތެރޭގައި ޝައްފާޙް ލަޠީފްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 (ތިންލައްކަ ހަތްދިހަ އެއްހާސް ހަސަތޭކަ ތިރީސް ފަސް ރުފިޔާ ތިރީސް ހަ ލާރި) އެވެ.
މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.