ENGLISH
13 ޖެނުއަރީ 2026
ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރަން ރާއްޖެ އާއި ޔޫއޭއީން މަޝްވަރާކޮށްފި
12 ޖެނުއަރީ 2026
|
ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރަން ރާއްޖެއާ ޔޫއޭއީން މަޝްވަރާކުރުން --
ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ޑރ. އާމިނާ އަލް ދަހާކްއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގަ އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ. ޚާއްޞަކޮށް ސާފު ހަކަތަ އުފެއްދުން އަވަސް ކުރުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ކެތްތެރިވުމުގެ ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ޚިޔާލު ބަދަލުކުރެއްވި ކަމަށް މިނިސްޓީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް އިން ބުންޏެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ހަރުދަނާކޮށް، ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، މިފަދަ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ރާއްޖެއިން އަންނަނީ ވަރަށް އިސް ދައުރެއް އަދާކުރަމުންނެވެ.