ENGLISH
13 ޖެނުއަރީ 2026
ނަޝީދަށް އީރާންގެ ހޫނު ރައްދެއް: ތި ހުންނެވީ ކޮން ފަޅިއެއްގައި؟
12 ޖެނުއަރީ 2026
|
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
އީރާންގައި ހިނގަމުންދާ މުޒާހަރާތަކާއި ގުޅިގެން އެ ޤައުމުގެ ސަރުކާރަށް އަމާޒުކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އެ ޤައުމުން ވަރުގަދަ ރައްދެއް ދީ ސުވާލެއް އަމާޒު ކޮށްފި އެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވީ އީރާނުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އެމްބަސީގެ ރަސްމީ އެކައުންޓު މެދުވެރިކޮށް ދެއްވި ރައްދުގައި އެމެރިކާއާ ހުޅަނގުން އީރާނާމެދު ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތާއި އީރާންގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ ޢުދުވާންތައް ވަނީ ހަނދާން ކޮށްދީފަ އެވެ.
ޚާއްސަކޮށް ޖޫން 2025 ގައި ހިނގި 12 ދުވަހުގެ ހަނގުރާމައި ގައި އީރާން ކުރި ތަޖުރިބާ ހިއްސާކޮށްފައިވެ އެވެ. އެގޮތުން ހައްދުފަހަނައަޅާފައިވާ އަދި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައިވާ ޒަޔަނިސްޓު އިސްރާއީލުން އީރާންގެ އެކި ސިޓީތަކަށް ދިން ޢުދުވާނީ ހަމަލާތަކުގައި އެ ޤައުމުގެ ހާހަކަށްވުރެ ފިރިހެނުންނާއި އަންހެނުންނާއި އެތައް ސތޭކަ ކުޑަކުދީން ޝަހީދުކޮށްލިކަން ވަނީ ހަނދާންކޮށް ދީފަ އެވެ.
އެ ހަމަލާތައް ދިނީ މިހާރުވެސް އެހެން ބައެއް ޤައުމުތަކަށް އަތްގަދަކުރަމުންދާ އެމެރިކާގެ މަދަދާއި އެހީ އޮވެގެން ކަމަށާ މިފަދަ ހަމަލާތަކުން އިޒްރޭލާއި އެެމެރިކާ ނެރެން ބޭނުންވާ ނަތީޖާ އަކީ އީރާނުގައި ހަމަނުޖެހުން އުފައްދައި، އާންމު ސަލާމަތާއި ރައްކާތެރިކަން ނަގައިލުން ކަމުގަ އެވެ.
މިހާރު ހިނގަމުންދާ ސިލްސިލާ މުޒާހާރާތަކަށް އިޝާރާތްކޮށް ސަފީރުގެ ޕޯސްޓްގައި ވިދާޅުވީ އިޒްރޭލްގެ މޮސާޑާ ގުޅުންހުރި ޓެރަރިސްޓް ގްރޫޕުތަކުން އީރާނުގެ މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތަކާއި، ބޭންކުތަކާއި މެޓްރޯ ސްޓޭޝަންތަކާއި އެ ނޫންވެސް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އަދި މިހާރު ވެސް ދެމުންގެންދާ ކަމަށެވެ.
އެ ހުރިހާ ޙަޤީޤަތްތަކެއް ސާފުކޮށް ދިނުމަށް ފަހު އެ ޕޯސްޓްގައި ނަޝީދު ހުންނެވީ ކޮން ފަޅިއެއްގައިތޯ ސުވާލު ކުރެެއްވި އެވެ.
އިސްލާމީ ވެރިކަމެއް އޮތް އީރާންގައި ހިނގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން ނަޝީދު ވަނީ ދިވެހީންނާއި މުޅި ބައިނަލްއަޤްވާމީ ދުނިޔެ ވެސް އޮންނަން ޖެހޭނީ އީރާންގައި އޮތް ސަރުކާރާއި ދެކޮޅަށް އަދި އެ ޤައުމުގެ ރައްޔިތުންނާއި އެއްކޮޅަށް ކަަމަށް ވިދާޅުވެފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އީރާންގެ ރައްޔިތުން މަގުތަކަށް ނިކުތީ އެ ޤައުމުގައި ދިގުދެމިގެން އައި އަނިޔާވެރިކަމާއި ދެކޮޅަށެވެ. އަދި ތަކެތީގެ އަގު އުފުލާއި އެ ނޫން މައްސަލަތަކާއި ގުޅިގެންނެވެ. އެހެން ކަމުން މިއީ މުސްލިމު އީރާންގެ ރައްޔިތުންނާއިއެކު ތިބެން ޖެހޭ ވަގުތުކަމަށް ވިދާޅުވި އެވެ.
ނަޝީދުގެ މި ޕޯސްޓަށް ދިވެހީންގެ އެތައް ބަޔަކު ވެސް ވަރަށް ރުޅިވެރިކަމާއެކު ރައްދު ދީފަ އެވެ. އަދި ނަޝީދުގެ ސިޔާސަތަކީ ކޮބައިކަން ސާފުވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. ނަޝީދަކީ މުސްލިމުންގެ އެކުވެރިއެއް ނޫން ކަމަށާ އޭނާ އަކީ ހުޅަނގުގެ އެކުވެރިއެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.