ENGLISH

18 ފެބްރުއަރީ 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާ ލިބުނަސް އެލަވަންސް ލިބޭނެ: ވަޒީރު

12 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެމް.ފީ.އެލްގެ ފަހި ޕްރޮގްރާމް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުން--ފޮޓޯ: މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަޖެހުނު ކަމުގައިވިޔަސް އެފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް ކަނޑާނުލާނެ ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 356 ކުދިންނަށް ވަޒީފާގެ ފުރުސަތު އެކި އިދާރާތައް މެދުވެރިކޮށް ހަމަޖައްސައިދެއްވާފައިކަމުގައި ވަޒީރު ފާހަގަކުރައްވާފައިވެ އެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. މިކަމަށް ޚާއްސަ އަޙައްމިޔަތުކަމެއް ދީގެން މި ވުޒާރާއިން ދަނީ އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއާއިން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި، ރިސޯޓުތަކާއެކުވެސް މަސައްކަތްކުރަމުންނެވެ.

މިމަސައްކަތް ފެށުމާއެކު ބައެއް ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް އުނިވެގެން ހިނގައިދާނެކަމުގެ ކަނބޮޑުވުން ފާޅުކޮށްފައިވާކަމަށާއި، އެހެންނަމަވެސް، އެ އެލަވަންސަކީ ޤާނޫނުގެ ތެރެއިން ދޭ އެއްޗެއް ކަމަށާއި ޤާނޫނޫގައި ކަނޑައެޅިފައިވާ އެއްވެސް ކަމެއް ހުއްޓިގެން ނުދާނެކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ. 

ހަމައެހެންމެ، ވަޒީފާގެ ފުރުޞަތު ލިބޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ މުސާރައަކީ އެހެން ފަރާތްތަކާއި އެއް ހަމައަށް މުސާރައެއް ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވީތީ މުސާރައިގެ އެއްވެސް ފަރަޤެއް ނުގެންގުޅޭކަން ވެސް ވަޒީރު ވިދާޅުވި އެވެ.

އަދި މިގޮތަށް ލިބޭ އާމްދަނީ ޢާއިލާގެ ޚަރަދުތައް ބައެއް ފަހަރު ހަމަޖައްސާކަން ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު އައިޝަތު ޝިހާމް ވިދާޅުވި އެވެ. ކުރިމަގުގައި މި ނިޒާމު އިތުރަށް ހަރުދަނާވެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މެދު މުޖްތަމަޢު ދެކޭގޮތް އެއްކޮށް ބަދަލުވެގެން ދިއުމަކީ އުއްމީދެއް ކަމަށް ވަޒީރު ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު