ENGLISH

13 މާރިޗު 2026

Advertisement

ދަނޑުވެރިޔާ ޕޯޓަލް އެޕް ރޯދައިގެ ކުރިން ބޭނުންކުރަން ތައްޔާރުވަނީ

12 ޖެނުއަރީ 2026

|

ސުވެއިދާ ހުސެއިން

ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ އިތުރުން މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރު ކުރާ "ދަނޑުވެރިޔާ" އެޕް ރޯދަ މަހުގެ ކުރިން ބޭނުން ކުރަން ތައްޔާރުވަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދަނޑުވެރިޔާ އެޕަކީ، 2023 ވަނަ އަހަރު އިފްތިތާޙުކޮށްފައިވާ ވެބް އެޕްލިކޭޝަނެކެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، ވެބް އެޕްލިކޭޝަނަކަށްވުރެ، މޯބައިލުން ވަގުތުން ވާސިލްވެވޭނެ އެޕެއް ގާއިމުކުރުމަކީ ދަނޑުވެރިންނަށް ފަސޭހަވާނެ ކަމެއްކަމުން، މިހާރު މިވަނީ މޯބައިލް ފޯނުން މެދުވެރިކޮށް އެޕްލިކޭޝަން ބޭނުންކުރެވޭ ގޮތް ހަދައިފައެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި މި މަސައްކަތްތައް ކުރިއަށް ގެންދަނީ، އިފާޑުގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމުގެ ދަށުންނެވެ.

އެގޮތުން މި އެޕްލިކޭޝަނުގެ ޒަރީއާއިން ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދައި، ރަށުގެ ދަނޑުވެރިކަން ތަރައްޤީ ކުރުމަށް އަމާޒުކޮށްގެން މަޝްރޫޢުތައް ހިންގުމާއި، ދަނޑުވެރިކަމުގެ ތަފާސްހިސާބު އެއްކުރުމަށް ފަސޭހަވެ، ކަންކަން ތަރުތީބު ވެގެން ދާނެއެވެ. 

ދަނޑުވެރިޔާ މޯބައިލް އެޕްލިކޭޝަންގެ ބީޓާ ވަރޝަންގެ ޓެސްޓިން މަރުހަލާ ނިމިފައިވާ ކަމަށާއި، ބީޓާ މަރުހަލާގައި ދަނޑުވެރިން ފާހަގަކުރި ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ވެސް މިހާރު ކުރަމުންދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އެކަން ނިމި ރޯދަމަހުގެ ކުރިން ޕައިލެޓް ސަރަހައްދުތަކުގައި އެޕް ބޭނުން ކުރަން ފެށޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ދޭ ހިދުމަތްތަކުގެ ތެރޭގައި

  • ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރުކޮށްދިނުން
  •  ކްރޮޕް ޕްލޭން: ގަސް އިންދާ ހެއްދުމުގައި އެކި މަރުހަލާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ އިރުޝާދު، އެވަގުތެއް ކައިރިވުމުން އޮޓޮމެޓިކުން ފޯރުކޮށްދެވޭނެ ނިޒާމު
  •  ދަނޑުވެރިކަމުގެ އެކި މައްސަލަތަކުގައި ފަންނީ މަޝްވަރާތައް ކުރުމަށާއި، ހައްލުތައް ހޯދުމަށް ކޮމިއުނިޓީ ފޯރަމެއް
  • ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް، ދަނޑުވެރިންނާއި ގަންނަ ފަރާތްތައް ގުޅުވާލަދިނުމަށް މާކެޓު ޕްލެޓު ފޯމެއް
  •  ބާޒާރުގައި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ޙިއްސާކުރުން

އެ ވުޒާރާއިން އިތުރަށް ބުނީ މި އެޕްލިކޭޝަންގައި ހުންނަ ފަންނީ މައުލޫމާތުތައް ހުރިހާ ފަރާތްތަކަށްވެސް ފެންނާނެ ކަމަށާ އަދި އެޕްލިކޭޝަންގެ ފޯރަމާއި، ދަނޑުވެރި ބާޒާރުގެ ހިދުމަތް ލިބޭނީ އީފާސް މެދުވެރިކޮށް ލޮގްއިން ވެގެން ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު