ENGLISH
19 އޭޕްރީލު 2025
އަންނަ އަހަރުގެ ކުރީކޮޅު ހުޅުމާލެއާއި މާލެ ފެނުގެ ވިއުގައިން ގުޅާލެވޭނެ: މަތީން
05 ޑިސެމްބަރު 2024
|
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްއެމްޓީވީ
ހުޅުމާލެ އާއި މާލޭއާ ދެމެދު ފެނުގެ ވިއުގަ ޤާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ، ސިނަމާލެ ބްރިޖުގެ މަސައްކަތުގެ ތެރެއިން ފެނުގެ އެ ވިއުގަ ގުޅާލުމުގެ މަސައްކަތް މި ސަރުކާރު ހަވާލުވިއިރު އޮތީ ހުއްޓިފައި ކަމަށެވެ.
ކުއްލި ހާލަތެއް މެދުވެރި ވިޔަސް، މެދުނުކެނޑި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ކުންފުނި ހިންގުމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ އިސްކަމެއް ދެއްވީ އެ މަސައްކަތް ނިންމުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލެ އާއި ހުޅުމާލެ އާ ދެމެދު ފެނުގެ ޚިދުމަތް ކަށަވަރު ކުރުމަށްޓަކައި އަންނަ އަހަރު ކުރީކޮޅު ފެނުގެ ވިއުގަ ގުޅާލެވި، ޚިދުމަތް ފެށިގެންދާނެ،" މަތީން ވިދާޅުވިއެވެ.
މީގެއިތުރުން ވެސް، މެދުނުކެނޑި، ހެޔޮ އަގެއްގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މިގޮތުން، މަތީން ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ދެ ގުނަ ކުރުމުގެ އިތުރުން ފެން އުފެއްދޭ ނިސްބަތް 30 އިންސައްތަ އިތުރުކުރުމުގެ މަސައްކަތް ވެސް ފެށޭ އަހަރުގެ ތެރޭގައި ނިންމާލެވޭނެއެވެ.
އަދި އެމްޑަބްލިޔުއެސްސީ އިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ފަސޭހަކަމާ އެކު ހޯދޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢުގެ ތެރެއިން، ޚިދުމަތްތަކަށް އެދުމުގެ މަރުހަލާ ޑިޖިޓަލައިޒްކޮށް، އޮންލައިން ޕޯޓަލްއެއް ޤާއިމުކުރެވޭނެ ކަން އޭނާ ހާމަކުރެއްވިއެވެ.
"މި ޑިސެމްބަރު މަހު، އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް ޕޯޓަލް ހުޅުވާލާނަން. އޭރަށް ޚިދުމަތްތަކަށް އެދުމުގައި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ،" މަތީން ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީ އިން ސްމާޓް މީޓަރު ތަޢާރަފްކޮށް، ފެނުގެ ކަނެކްޝަނާއި ޑިސްކަނެކްޝަން އޮޓޮމައިޒްކޮށްފައިވާ އިރު، އޭނާ ވިދާޅުވީ އޭގެ ސަބަބުން ވެސް ރައްޔިތުންނަށް އަވަހަށް ޚިދުމަތް ލިބި، ރީޑިން ނަގަން ގޭބީސީތަކަށް މުވައްޒަފުން ސީދާ ދާން ނުޖެހުމުގެ ސަބަބުން، ޚަރަދު ވެސް ކުޑަވެފައިވާ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙާއްސަ އިރުޝާދުގެ ދަށުން، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށްޓަކައި، އެމްޑަބްލިޔުއެސްސީން ގިނަ މަސައްކަތްތަކެއްކޮށް، މި އަހަރަކީ ކުންފުންޏަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.