ENGLISH
10 އޭޕްރީލު 2025
ގޯލްޑް ކަޕް: ދިއްދުއާއި މީދޫ އެއްވަރުވެ، ގްރޫޕުގެ ފޯރިގަދަވެއްޖެ
06 ޑިސެމްބަރު 2024
|
ދިއްދޫއާއި މީދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ގްރޫޕް އޭ ގައި ހއ. ދިއްދޫ އާއި ދ. މީދޫ 2-2 އިން އެއްވަރުވެ، މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރާނެ ޓީމުތައް ކަށަވަރުކުރުމަށް އިތުރު އިންތިޒާރެއް ކުރަންޖެހިއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗު ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަޑައިގެންނެވިއެވެ. މެޗަށްފަހު މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މީދޫގެ އިމްރާނަށް އިނާމު ހަވާލުކޮށްދެއްވީ ވެސް މެޑަމް ސާޖިދާ އެވެ.
މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އަދިވެސް އޮތީ ފުވައްމުލަކު ސިޓީ އެވެ. ކުޅުނު ހަތަރު މެޗުން އެ ޓީމަށް ލިބުނު 12 ޕޮއިންޓާއެކު، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ދެވަނަ ބުރުން ވަނީ ޖާގަ ލިބިފައެވެ. މި ވަގުތު ދެވަނައިގައި އޮތް ދިއްދޫ އާއި ތިންވަނައިގައި އޮތް މީދޫ އަށް ލިބިފައިވަނީ ތިން މެޗުން ހަތަރު ޕޮއިންޓެވެ. މި ދެ ޓީމުގެ އިތުރުން ހަތަރުވަނައިގައި ތިން މެޗުން ތިން ޕޮއިންޓާއެކު އޮތް ދ. ކުޑަހުވަދޫ އަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު އެބައޮތެވެ. ފުލުގައި އޮތް ގދ. ފަރެސްމާތޮޑާ އަށް ޕޮއިންޓެއް ލިބިފައިނުވާއިރު އެ ޓީމު ވަނީ މުބާރާތުން ކަޓައިފައެވެ.
މި މެޗުގައި ދިއްދޫ އިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން ޝިފާހު އާއި އާދަމް ނަސީމް އެވެ. މީދޫގެ ދެ ލަނޑު ވެސް ޖަހައިދިނީ އިބްރާހިމް އިމްރާން އެވެ.
މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މި މަހުގެ 7 ވަނަ ދުވަހު މީދޫ ނުކުންނާނީ ކުޑަހުވަދޫއާ ދެކޮޅަށެވެ.