ENGLISH
11 ޖެނުއަރީ 2026
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރު މިނުގައި ކުރިޔަށް
10 ޖެނުއަރީ 2026
|
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްެޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނި ގޮތުގައި މާލޭގެ އުތުރު ފަރާތް (ބާޒާރުތައް ހުންނަ ސަރަހައްދު) ގެ މަގު ފުޅާކޮށް، ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ، ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 48 މީޓަރު މިހާތަނަށް ވަނީ ނިމިފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތްތައް ވެސް މެދުކެނޑުމެއް ނެތި ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ހިނގާ މީހުންނަށް ޚާއްޞަ ސަރަޙައްދުގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިންމާލެވިފައެވެ.
މި މަޝްރޫއުގެ ދަށުން މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރާނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެއެވެ.
މި މުހިންމު މަޝްރޫޢުގެ ސަބަބުން މާލޭގެ މަގުތަކަކީ ޒަމާނީ، އަދި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ މަގުތަކަކަށް ވެގެންދާނެއެވެ. މިއީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ގެނުވައި، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް މަގުފަހިކޮށްދޭނެ މަޝްރޫޢެކެވެ.
އެމްޓީސީސީގެ އަމާޒަކީ ރޯދަމަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.