ENGLISH
11 ޖެނުއަރީ 2026
ރަށްތައް ތަރައްޤީކުރަންވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ނުގެއްލޭނޭ ގޮތަށް: ވަޒީރު އާދަމް ޝަރީފް
10 ޖެނުއަރީ 2026
|
މަގޭ ދަރަވަންދޫ އެވޯޑު 2025 ގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ.
ރާއްޖޭގެ ރަށްތައް ތަރައްޤީކުރަންވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ނުގެއްލޭނޭ ގޮތަށްކަމަށް ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ބ. ދަރަވަންދޫގައި އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ރޭ ބޭއްވި ''މަގޭ ދަރަވަންދޫ އެވޯޑު 2025'' ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅު ގައެވެ.
ކޮންމެ ރަށަކީ ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއް ކަމަށާއި، އެގޮތުން ދަރަވަންދޫ ރައްޔިތުންނަކީ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއް ކަމުގައި ވަޒީރު ވިދާޅުވި އެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތައް ތަރައްޤީ ކުރެވިގެންދާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނޭ ގޮތަކަށް ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
"''ރަށްތައް ތަރައްޤީ ކުރަމުންދާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުން މުހިއްމު'' " - ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު
ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމު މުހިއްމު ކަމަށާއި، އެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެންކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.