ENGLISH
11 ޖެނުއަރީ 2026
ކުރީގެ ތެލަސީމިއާ ސެންޓަރު ތަޅާލައި ޖީޕީ ކްލިނިކެއް ހަދަން ނިންމައިފި
09 ޖެނުއަރީ 2026
|
ކުރީގެ ތެލަސީމިއާ ސެންޓަރު ހުރި ބިމުގައި ޖީޕީ ކްލިނިކެއް ޤާއިމްކުރުމުގެ މަސައްކަތަށް، އެ އިމާރާތް ތަޅާލާނެ ބަޔަކު ހޯދަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިޢުލާންކޮށްފިއެވެ.
އައިޖީއެމްއެޗުން ކުރި އިޢުލާނުގައި، ބުނީ ކުރީގެ ތެލަސީމިއާ ސެންޓަރު ތަޅާލުމުގެ މަސައްކަތަށް ޝަރުތުހަމަވާ އެންމެހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ. މި ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ގައެވެ.
ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ ތެލަސީމިއާ ސެންޓަރު ވަރަށް ބޮޑަށް ބާވެ ޖާގަ ކުޑަވުމުން އެތަން މިހާރު ބޭނުމެއް ނުކުރެއެވެ. އަދި ތެލެސީމިއާ ސެންޓަރު ހިންގުން މިހާރު ވަނީ ހުޅުމާލޭގެ އޮރެންޖު ހިޔާއަށް ބަދަލުކޮށްފައެވެ.
ރާއްޖޭގައި ޤާއިމްކުރެވޭ ޖީޕީ ކްލިނިކްތަކުގެ އެހީގައި ޕްރައިމަރީ އާބަން ހެލްތު ކެއަރ ކްލިނިކުގައި އިތުރު ޚިދުމަތްތައް ދެވޭނެއެވެ. މީގެތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ގްރޯތު މޮނިޓަރިންގެ މަސައްކަތްތަކާއި، ވެލްނަސް ކްލިނިކް، ކައުންސެލިންގެ ޚިދުމަތް އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކްލިނިކުތަކުގައި ގިނަ ވަގުތު ކިއުގައި ޖެހިގެން، މަޑުނުކޮށް އަވަސް ފަރުވާ ލިބިގަތުމުގެ އިތުރުން، އިތުރު ފަރުވާއަށް ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ ޙާލަތްތަކުގެ ހޮސްޕިޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެ ފަސޭހަ ނިޒާމެއް ވެސް ޤާއިމުވެފައި ހުންނާނެ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުންޏެވެ.