ENGLISH

10 ޖެނުއަރީ 2026

Advertisement

ރޯދަ ހަދިޔާއަށް 118،000 މަސްދަޅު ކޭސް ބަހާނެ، މަސައްކަތް ނިންމާލެވޭނީ ބުރާސްފަތި ދުވަހަށް

09 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

މިދިޔަ އަހަރު ރޯދަ ހަދިޔާ ދޫކުރުން --

މިފަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް 118،000 މަސްދަޅު ކޭސް ބަންދުކުރަމުން އަންނަ ކަމަށާއި، މަސްދަޅު ކޭސްތައް ބަންދުކުރުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

ކުންފުނީގެ ސީނިއަރ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ "އެމްއެމްޓީވީ"  އަށް ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ބަހަން 118،000 މަސްދަޅު ކޭސް އެކުންފުނިން ބަންދުކުރަމުން އަންނަ ކަމަށެވެ. 

މަސްދަޅު ކޭސްތައް ބަންދުކުރުމުގެ މަސައްކަތް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް ޝިފްޒާ ވިދާޅުވި އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް ތައްޔާރުކުރި މަސްދަޅު ކޭސްތަކާ އެކު މިފްކޯގެ މާލޭގެ ގުދަން ފުރޭތީ، އެކަމަށް ހައްލު ހޯދުމަށް، އެސްޓީއޯއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ގުޅިގެން 30،000 އަށްވުރެ ގިނަ މަސްދަޅު ކޭސް، އައްޑޫ ހިތަދޫ ބަނދަރުގެ ގުދަންތަކުގައާއި، ކުޅުދުއްފުށި ސިޓީ ބަނދަރުގެ ގުދަންތަކުގައި ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ރޯދަ ހަދިޔާ ދިނުމަށް ބޭނުންވާ މަސްދަޅު ތައްޔާރުކުރުމުގެ މަސައްކަތް މިފްކޯއިން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. 

ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެއްގެ ގޮތުގައި މި ދިޔަ އަހަރުން ފެށިގެން، ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެއްޓެވި ހަދިޔާއެކެވެ.

މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭހެވެ.

ކުރިއަށް އޮތް ރަމަޟާންމަހު ރޯދަ ހަދިޔާ ގޮތުގައި މަސްދަޅު ކޭސް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު ރަމަޟާންމަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް ދައްކަންޖެހެނީ 400 ރުފިޔާކަން ހާމަކުރައްވައި ކަރަންޓު ބިލުންވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ޑިސްކައުންޓު ލިބޭނެކަން ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު