ENGLISH

09 ޖެނުއަރީ 2026

Advertisement

މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ހޮވާ މަންދޫބުންގެ އެއްބާރުލުން ބޭނުންވާނެ: ރައީސް

08 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ކޮންގްރެސް ޕާޓީގެ މައި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް. ފޮޓޯ: ރައީސް އޮފީސް

ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ހޮވާ މަންދޫބުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ހޮވާ މަންދޫބުންނަކީ ރަށު ފެންވަރުގައި ދުވަހުން ދުވަހަށް މުނިސިޕަލް ޚިދުމަތް ދިނުމުގެ އިތުރުން، ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި ވައުދުތައް ފުއްދުމުގައި އެއްބާރުލުން ދޭން ހޮވާފަ ތިބޭ، ނުވަތަ އެގޮތަށް މަސައްކަތްކުރަންޖެހޭ މަންދޫބުން ތަކެއްކަމަށެވެ.

މަންދޫބުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް ފުއްދުމުގައި، އެކަމުގައި ލޯކަލް ލެވެލްގައި، ރަށު ފެންވަރުގައި، ސިޓީ ފެންވަރުގައި، ފުރިހަމަ އެއްބާރުލުން ދެއްވާނެ ބޭފުޅުން ހޮވައިދެއްވާށޭ. އެކަން ކޮށްދެއްވާނީ އަޅުގަނޑަށް އެންމެ ފުރިހަމައަށް އިތުބާރު އޮތީ އަޅުގަނޑުމެންގެ ޕާޓީން ކުރިމަތިލާ ކެންޑިޑޭޓުންނަށް ކަމަށްވާތީ ދިވެހި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން އަދި އެކަން ޔަގީންވެސް ކުރަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ބައެއް މެންބަރުންނާއެކު ރައީސް. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވީ ހުރިހާ ވައުދެއް ފުއްދުމުގައި އަދި މިހާރު އެކި ކަންކޮޅުތަކުގައި އެކި ދާއިރާތަކުން ބާރު ސްޕީޑުގައި ކުރެވިގެންދާ ކަންކަމާއި، ފެށިގެންދާ ކަންކަމާއި، އަދި މިއަހަރަށް ކުރުމަށް ބަޖެޓުގައި ތަރުތީބުކުރެވިފައި ހުރި ކަންކަން ކުރުމުގައި ލޯކަލް ކައުންސިލަށް ހޮވޭ މެންބަރުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

"ލޯކަލް ލެވެލްގައި އެރަށެއްގެ ލެވެލްގައި އެ ދާއިރާއެއްގެ ލެވެލްގައި ސިޓީއެއްގެ ލެވެލްގައި ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ހިތާއި ރޫހުން ފުރިހަމައަށް ދެއްވާ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަކީ ޔަގީންކުރާ ކަމެއް" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރަކީ އިޤްތިޞާދީ، އިޖުތިމާޢީ، އުމްރާނީ ގޮތުން ވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި މުހިއްމު އަހަރެއް ކަމަށެވެ. އެހެންކަމުން، އެކަންކަން ކުރުމުގައި ކޮންމެ ސިޓީއަކުން ވެސް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ޤައުމު ހިންގުމުގައި އެންމެ އިސްކަމެއްދޭނީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ކަމަށާއި، ޤައުމިއްޔަތު ޙިމާޔަތްކުރެވި މިނިވަންކަން ކަށަވަރުކުރުމާއެކު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވެސް ފުރިހަމައަށް ބައްޓަންކުރެވިގެން ތަރުތީބުކުރެވިގެން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޤައުމުގައި ހުރި އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ކުރިއެރުން ހޯދަމުންދާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހ. ވެޔޮވިލާގައި ޤާއިމުކޮށްފައިވާ ކޮންގްރެސްގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ޕާޓީގެ އިސްވެރިންނާއި އެތައް ސަތޭކަ މެންބަރުންނެއް ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު