ENGLISH
09 ޖެނުއަރީ 2026
ޕީއެންސީގެ މައި އޮފީސް ވާނީ ޑިމޮކްރަސީގެ ރީތި އުސޫލުން ސިޔާސީ ޕާޓީއެއް ހިންގުމަށް މުހިންމު ވަސީލަތަކަށް: ރައީސް
08 ޖެނުއަރީ 2026
|
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ވެގެންދާނީ، ޑިމޮކްރަސީގެ ރީތި އުސޫލުން ސިޔާސީ ޕާޓީއެއް ޒިންމާދާރުކަމާއެކު ހިންގުމަށް މުހިންމު ވަސީލަތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހ. ވެޔޮވިލާގައި ޤާއިމުކޮށްފައިވާ ކޮންގްރެސް ޕާޓީގެ މައި އޮފީސް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮންގްރެސް ޕާޓީގެ މައި އޮފީސް ހިންގާނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުގެ މަތިން ކަމަށެވެ.
މިރޭ ފެށިގެން ދިޔައީ ވަރަށް ވެސް މުހިއްމު މަސައްކަތެއް ކަމަށާއި، ހުޅުވިގެން ދިޔައީ ވަރަށް ވެސް މުހިއްމު އިމާރާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެެވެ.
"އާދެ މި ޕާޓީ ދުވަހެއް ދުވަހަކަށް ބޮޑުވެ، ހަރަކާތްތެރިކަން އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ދުވެލި ހަލުވިވެ ބާރު ސްޕީޑުގައި ގެންދިއުމުގައި މިއަދު މިތަނުގައި މިރޭ އަޅުގަނޑުމެން މި ހުޅުވި މައި އޮފީސް އިރާދަކުރެއްވިއްޔާ ވެގެންދާނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުގެ މަތިން ސިޔާސީ ޕާޓީއެއް އެންމެ ފުރިހަމައަށް އެންމެ ޒިންމާދާރުކަމާއެކީގައި ހިންގުމަށްޓަކައި ބޭނުންކުރެވިގެންދާނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވަނީ ޕީއެންސީގެ މައި އޮފީސް އިމާރާތް ފުރިހަމަކޮށް ހަދައި ޕާޓީގެ މެންބަރުންނަށް ބޭނުންކުރެވޭ ގޮތް މަގުފަހިކޮށްދިނުމުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރުދަންނަވާފައެވެ.
ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގައި ސަރުކާރުން ކުރިއަށްގެންދާ މުހިއްމު ކަންކަމާއި ގުޅޭގޮތުން ޚުލާސާގޮތެއްގައި އަލިއަޅުއްވާލެއްވި ކަމަށެވެ.
އެ ޖަލްސާގައި ވިދާޅުވިގޮތަށް، ކަންކަން ދަނީ ވަރަށް ފުރިހަމަކާއެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ފެބްރުވަރީ 5 ވަނަ ދުވަހު އިއްވާ ރިޔާސީ ބަޔާނުގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައި ހުރި ކަންކަން ވަރަށް ތަފްޞީލީ ގޮތެއްގައި ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.