ENGLISH
09 ޖެނުއަރީ 2026
އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ލިބެނީ ހައްގުވާ މީހުންނަށްކަން ގާތުން ބަލާނެ: ވަޒީރު
08 ޖެނުއަރީ 2026
|
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދައުލަތުން އިނާޔަތް ދޭއިރު، އެ ފައިސާ ލިބެނީ ހައްގުވެރިންނަށްކަން ގާތުން ބަލާ ކަމަށް އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" އެޕިސޯޑް 3 ގައި ވާހަކަދައްކަވަމުންނެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މީގެކުރިން ލިބުނީ ކުއްޖަކަށް 1000ރ. އެވެ. މި ސަރުކާރުން މިހާރު ވަނީ އެ އަދަދު ކުއްޖަކަށް 3000ރ. ލިބޭގޮތަށް ބޮޑުކޮށްފައެވެ. އެގޮތުން ކުއްޖަކަށް 3000ރ. ލިބޭއިރު އެންމެ ގިނަވެގެން މަހަކު ލިބޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000ރ. އެވެ. އަދި، އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. އެވެ.
އެ އުޞޫލަށް ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ތަރުޖަމާނާ އެކު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމަކީ މުޅި ދައުލަތް އޭގައި ހިމެނިގެންދާ ހުރިހާ އެންމެން އާއިލާއަކަށް އަމާޒުކުރެވިގެން ގެނެވިގެންދާ ބަދަލެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުތަކުގައި، ނާޒުކު ޙާލަތުގައި ދިރިއުޅޭ މީހުން، އެކަނިވެރި މައިންގެ އެލަވަންސްގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރި ކަމަށެވެ. އެކަމުގައި ކުރެވުނު މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ވެދެއްވިދާނެ އެހީއެއްގެ ގޮތުގައި އެލަވަންސް ބޮޑުކޮށްދިނުމަށް ރައްޔިތުން ހުށަހެޅި ކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
"މިހާރު 15 އަހަރަށް މިދަނީ އެކަނިވެރި މައިންނާއި ބަފައިންނަށް މިދޭ އެހީތެރިިކަމުގަ 1000 ރުފިޔާގަ އޮންނަތާ. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ދިރިއުޅުމުގެ ޙާލަތު ވަރަށް ބޮޑުތަނަށް އުފުލިގެން ވެސް ގޮސްފިކަން. އަދި އަޅުގަނޑުމެންނަށް އެބަ އިނގޭ އެއާ އެކީގައި އާއްމު ރައްޔިތުންގެ ތެރޭގައި ދިރިއުޅުމުގައި ވަރަށް ދަތިކޮށް އުޅޭ ބައިވަރު މީހުން އެކަމާ ހެދިގެން ވެސް އެބައުޅޭކަން" - ވަޒީރު ޑރ. ޢާއިޝަތު ޝިހާމް
ވަޒީރު ވިދާޅުވީ، އެލަވަންސް ލިބޭ އާއިލާތަކާއެކު ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އެ ވުޒާރާއިން މަސައްކަތްކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، އާއިލާތަކުގައި ވަޒީފާ ނެތް މީހަކު ހުރިނަމަ ވަޒީފާ ހޯދައިިދިނުމާއި، އެހެނިހެން އިދާރާތަކާ ގުޅުންހުރި ކަންކަމުގައި އެ އިދާރާތަކާއެކު މަސައްކަތް ވެސް ކުރެވިގެންދާކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ.
"މި ފައިސާ އެފަރާތްތަކަށް ލިބޭއިރު އެންސްޕާ އާއި މިތަންތަނުން ވަރަށް ބޮޑަށް އެބަ ގާއިމުކުރައްވާ މި ލިބިގެންދަނީ ހަމަ ލިބެންވާ މީހުންނަށްކަން. އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ބަދަލުވާ ހިނދު، އެކަންތައް ތަފާތުވެގެން ދާކަން" - ވަޒީރު ޑރ. ޢާއިޝަތު ޝިހާމް
ޤައުމެއްގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ އެންމެ މުހިއްމު ކަމަކީ، އެގައުމެއްގައި އުޅޭ ނިކަމެތި އަދި އަޅާލުންތެރިކަން ބޭނުންވާ ނާޒުކު ހާލަތުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނާޒުކު ހާލަތުގައި ދިރިއުޅޭ މީހަކަށް އެހީތެރިކަމެއް ނުދެވިއްޖެ ނަމަ، މުޅި މުޖުތަމަޢަށް ގެއްލުމުގެ އަސަރު ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކުދިން ތަޢުލީމުން މަޙްރޫމުވުމާއި ޞިއްޙީ ގޮތުން ކުރިމަތިވާ ގެއްލުންތައް ވެސް ހިމެނޭކަން ވަޒީރު ވިދާޅުވިއެވެ.