ENGLISH
09 ޖެނުއަރީ 2026
މީގެ ކުރިން ނުލިބޭ ތާއީދު، މި އިންތިހާބުގައި ފުނަދޫ ދާއިރާއިން ޕީއެންސީއަށް ލިބޭނެ: މެމްބަރު މަމްދޫހު
08 ޖެނުއަރީ 2026
|
އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގްރާމްއަށް މަމްދޫހު އިންޓަވިއު ދެއްވަނީ. --ފޮޓޯ: އެމްއެމްޓީވީ
ދިވެހިރާއްޖޭގައި މީގެ ކުރިން ބޭއްވުނު އިންތިޚާބުތަކުގައި، ލިބިފައިނުވާ ތާއީދު މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައި މަމްދޫހު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ފޮނަދޫ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. އަދި އެ ދާއިރާގެ ރައްޔިތުން ގަބޫލު ކުރަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަކީ ކައުންސިލްތަކާ ގުޅިގެން ގާތުން މަސައްކަތް ކުރައްވާ ވެރިއެއް ކަމަށެވެ.
އަދި ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ ޝަކުވާތައް އަޑު އަހައިގެން މަސައްކަތް ކުރެއްވުމުގެ ނަތީޖާ އަކީ، މިފަހަރު ކައުންސިލް އިންތިހާބު ބޮޑު ތަނުން ޕީއެންސީއަށް ކާމިޔާބުވުން ކަމަށް މެމްބަރު ވިދާޅުވި އެވެ.
"މީގެ ކުރިން އަޅުގަނޑުމެންގެ ފިކުރަށް ބައެއް ރަށްރަށުން ނުލިބޭ ތާޢިދު އިރާދަކުރެއްވިއްޔާ މި އިންތިހާބުގަ މި ކައުންސިލް އިންތިހާބުގަ ފެނިގެންދާނެ," މަމްދޫހު ވިދާޅުވި އެވެ.
މަމްދޫހު ވިދާޅުވީ، އެ ދާއިރާއަކީ ކުރީގެ ވެރިކަންތަކުގައި އަޅައި ނުލައި ދޫކޮށްލާފައި އޮތް ދާއިރާއެއްކަމީ ފެންނަން އޮތް ޙަޤީޤަތް ކަމަށެވެ. އެހެން ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު ކުރު މުއްދަތެއްގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ފެށިފައިވާ ކަން މެމްބަރު ފާހަގަކުރެއްވި އެވެ. މީގެތެރެއިން ބައެއް މަޝްރޫއު ނިމުމާ ގާތްވެފައިވާ އިރު އަލަށް ގިނަ މަޝްރޫއުތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް މަމްދޫހު ވިދާޅުވި އެވެ.