ENGLISH
09 ޖެނުއަރީ 2026
އިލްމުވެރިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެކަމަށް ބުނެ ރީކޯ މޫސަގެ މައްސަލަ ފުލުހަށް
08 ޖެނުއަރީ 2026
|
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި މޫސަ ވާހަކަދައްކަވަނީ: ފޮޓޯ: އެމްޑީޕީ
ރާއްޖޭގައި ދަންނަބޭކަލުން ތިބީ މުރުތައްދުވެފައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މުސާ މަނިކު ވިދާޅުވި މައްސަލައިގެ ސަބަބުން އިލްމުވެރިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެކަން ފާހަގަކޮށް އިލްމުވެރިންގެ ގުޅުމުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
ހޯމަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ދީނީ ޢިލްމުވެރިންނަށް ނިސްބަތްކުރައްވައި، އެއީ މުރުތައްދުވެފައިވާ ބައެއްކަމަށް ވިދާޅުވެފައިވާ މައްސަލައަކީ ވަރަށް ނުރައްކާތެރި، ޙައްސާސީ މައްސަލައެއް ކަމުގައި އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.
ފުލުހުންނަށް މައްސަލަ ހުށަހަޅައި ފޮނުވި ސިޓީގައި އިލްމުވެރިންގެ ގުޅުމުން ބުނީ މޫސަގެ މި އަމަލަކީ ރާއްޖޭގައި އިސްލާމްދީންނާއި ދިވެހީންގެ ދީނީ ވަޙްދަތު ނެގެހެއްޓެވުމުގައި އެންމެ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވަމުންދާ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށްޓަކައި ކޮށްފައިވާ ނޭއްގާނީ، ދަށުދަރަޖައިގެ، ނުރައްކާތެރި، ޒިންމާދާރުކަމެއް ނެތް ޢަމަލެއް ކަމުގައި ދެކޭ ކަމަށެވެ.
އެކަމަކީ، ޑރ. އަފްރާޝީމް ޢަލީ (رحمه الله) އެކޭ އެއްފަދައިން މިހާރު ތިއްބެވި ދީނީ ދަންނަބޭކަލުންގެ ފުރާނަ ވެސް ނުރައްކަލަށް ހުށަހެޅިގެން ދާން ހުޅުވިގެން ހިނގައިދާނެ ދޮރެއްކަން ފާހަގަކޮށް އެކަން އިލްމުވެރިންގެ ގުޅުމުންވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ހަރުކަށި ފިކުރު ފެތުރުމާއި، މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް "ތަކްފީރު" ކުރުމުގެ ފިކުރު ފެތުރުމުގެ ކުށަކަށް މޫސަ އަރައިގެންފައިވާ ކަމަށް ސިޓީގައިވެ އެވެ.
މީގެ އިތުރުން މޫސަ ވަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ ގޮތަށް ވާހަކަފުޅު ދައްކާފައިކަމަށް ވެސް ވަނީ ބުނެފަ އެވެ.
"ހަމައެއާއެކު، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 2014/6) ގެ 124ވަނަ މާއްދާގެ ދަށުން މުސްލިމަކު ކާފަރެއްގެ ގޮތުގައި، ސިފަކުރުމާއި، މީހަކާ މެދު ނަފުރަތު އުފެއްދުމުގެ ގަސްތުގައި މީހަކީ މުރުތައްދެއް ކަމަށް، އާންމު ތަނެއްގައި، ތުހުމަތުކުރުމަކީ، ކުށެއް ކަމުގައި ކަނޑައަޅާފައިވާ ޤާނޫނާ ވެސް އޭނާ ޚިލާފުވެވަޑައިގެންފައިވާ ކަމުގައި އަޅުގަނޑުމެން ދެކެމެވެ. " - އިލްމުވެރިންގެ ގުޅުން
ވުމާއެކު، މޫސާއާއި، އޭނާގެ ވާހަކަފުޅު ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޗެނަލްގެ ޒިންމާވާ ފަރާތްތަކާ މެދު ތަޙްޤީޤު ހިންގައި ޤާނޫނީ ގޮތުން، އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ކިބައިން އިލްމުވެރިންގެ ގުޅުމުން ވަނީ އެދިފަ އެވެ.