ENGLISH
09 ޖެނުއަރީ 2026
20 ދުވަސްތެރޭ ޕީއެންސީއަށް 6،000 މެމްބަރުން ގުޅިއްޖެ
08 ޖެނުއަރީ 2026
|
އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގްރާމްއަށް ފަލާހު އިންޓަވިއު ދެއްވަނީ. --ފޮޓޯ: އެމްއެމްޓީވީ
ދިވެހި ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންސީއަށް 20 ދުވަސް ތެރޭ 6،000 މެމްބަރުން ގުޅިއްޖެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައި ފަލާހު ވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 74000 ހަށްވުރެ ގިނަ މެމްބަރުން އެބަތިބި ކަމަށެވެ. އަދި ޕީއެންސީއަކީ މި ވަގުތު ރާއްޖޭގަ އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށެވެ.
"މިދިޔަ ގާތްގަނޑަކަށް ވިއްސަކަށް ދުވަސްތެރޭގައި ޕީއެންސީއަށް ވެދެވަޑައިގެންފި ގާތްގަނޑަކަށް 6،000 މެމްބަރުން،" ފަލާހު ވިދާޅުވި އެވެ.
ޕީޖީ ލީޑަރު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ޕާޓީގައި ތިބީ އެންމެ 3000 މެމްބަރުން ކަމަށާއި، އެހެން ނަމަވެސް ވޭތުވެގެންދިޔަ ދެ އަހަރެއްހާ ދުވަހުތެރޭ 70 ހާހަށް ވުރެ ގިނަ މީހުން ޕާޓީއަށް ވަދެފައިވާ ކަމަށެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުވަމުންދާ މިންވަރު ފާހަގަކުރައްވަމުން ޕީޖީ ލީޑަރު ވިދާޅުވީ، މިކަމުން ދައްކުވައި ދެނީ ދިވެހިންގެ މެދުގައި ޕާޓީއަށް އޮތް ތާއިދާއި މަގުބޫލުކަން ކަމަށެވެ. ޕާޓީއަށް މެމްބަރުން އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ ހަރުދަނާ އުސުލުތަކާއި، ދުރުވިސްނޭ ސިޔާސަތުކަން ވެސް ފަލާހު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ކުރިމަގަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްޕުޅު ރައްޔިތުން ބަލައިގަންނަ ކަމަށް މެމްބަރު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، ޕީއެންސީގެ އަމާޒަކީ ލޯކަލް ކައުންސިލް އިންތިޚާބު ނިމެންވާއިރަށް ޕާޓީއަށް އެއްލައްކަ މެމްބަރުން ހަމަކުރުން ކަމަށެވެ.