ENGLISH
09 ޖެނުއަރީ 2026
75 އަހަރުވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި
08 ޖެނުއަރީ 2026
|
ރައީސް މުއިއްޒު: އެމަނިކުފާނު މިއަދުވަނީ ރީ-އެމްޕްލޯއިމަންޓުގެ ބިލު ތަސްދީގުކުރައްވާފައި// ފޯޓޯ؛ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި ދެމިތިބެވޭގޮތަށް ހުށަހެޅި ރީ-އެމްޕްލޯއިމަންޓުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި އެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ދައުރުން ބޭރުން މިދިޔަ ހޯމަދުވަހު ބޭއްވި ޖަލްސާގައި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓިން ފާސްކުރިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، 46 މެމްބަރުންގެ ވޯޓުންނެވެ.
މީ ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ބިލެކެވެ.
މި ބިލުގެ މަޤްޞަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ޢުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި ޢަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިން، ފުލުހުން ފަނޑިޔާރުން، ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ޢައްޔަންކުރެވޭ މަޤާމުތައް އަދާކުރާ ފަރާތްތައް ނުހިމެނެއެވެ.
މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، ޢުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ 7 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ޙައްޤުވާ ޢުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެއެވެ.
ރީ-އެމްޕްލޯއިމަންޓުގެ ދަށުން ވަޒީފާ ހަމަޖައްސައިދެވޭނެ ގޮތްތައް:
* ޕެންޝަން ހައްގުވާ އުމުރު ހަމަވިއިރު، މުވައްޒަފު ހުރި މަގާމު ހަމަ އެގޮތުގައި ހަމަޖެއްސުން.
*ޕެންޝަން ހައްގުވާ އުމުރު ހަމަވިއިރު، މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން.
*ޕެންޝަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމާއެކު މުސާރައާއި އިނާޔަތްތަކަށް އެކަށީގެންވާ ބަދަލެއް ގެނެސް ވަޒީފާ ހަމަޖެއްސުން.
ބިލުގައިވާގޮތުން އުމުރުން 65 އަހަރުވުމަށްފަހު ވެސް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މީހުން 65 އަހަރު ވުމުގެ ހަ މަސްދުވަސް ކުރިން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެއެވެ. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަސް ހަމަވުމުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ. މި އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް ފަސްދޮޅަސް ފަސް އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބޭނެއެވެ. ނަމަވެސް ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ.
މި ބިލަށް ޢަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.