ENGLISH
09 ޖެނުއަރީ 2026
ރާއްޖޭގައި އަހަރަކު 3،000 އަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާ: ފުލުހުން
08 ޖެނުއަރީ 2026
|
މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން// ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
އަހަރެއްގެ މައްޗަށް ރާއްޖޭގައި 3،000 އަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް އިފްތިތާހުކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
"ރައްކާ" ގެ ހަރަކާތްތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. މި އަހަރު ރޯޑްސޭފްޓީ ހަރަކާތްތަކުގައި ބޭނުންކުރާ ހޭޝްޓޭގަކީ "ރަނގަޅުކޮށްލާ" އެވެ.
މި ރަސްމިއްޔާތުގައި ފުލުހުން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު އަހަރެއްގެ މައްޗަށް ރާއްޖޭގައި 3،000 އަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާ ކަމަށް ވަނީ ރެކޯޑުކުރެވިފަ އެވެ.
މަގުމައްޗަކީ ރައްކާތެރިތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އެމްޓީސީސީއާއި، އެޗްޑީސީއާއި، އުރީދޫ މޯލްޑިވްސްއާއި، އެލައިޑް އިންޝުއަރެންސް އަދި ޝީޝާގެ އިތުރުން ތަޢުލީމީ ވުޒާރާއާ ގުޅިގެން މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި، ނަގަހައްޓާނެ އައު ޖީލެއް ބިނާކުރުމުގެ އަޒުމުގައި ނިމުނު 2025 ވަނަ އަހަރު އެކަނިވެސް 17 ސުކޫލެއްގެ 549 ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ތަމްރީނުކުރެވިފައިވާކަށް ފުލުހުން މައުލޫމާތުދެ އެވެ.
އަދި އުޅަނދު ދުއްވާ 1،070 ފަރާތަކަށް މަގުމަތީގެ ގަވާއިދުތަކާ ގުޅޭގޮތުން ވަނީ މައުލޫމާތުދީފަ އެވެ.
"ރައްކާ" ގެ ހަރަކާތްތަކުގެ މަގުސަދަކީ ކުށުގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކޮށް، މަގުމަތީގެ ގަވާއިދުތަކަށް އާއްމުން ހޭލުންތެރިކޮށް، އެކްސިޑެންތައް މަދުކުރުމާއި މަގުތައް އަމާންކުރުމަށް އާއްމުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް ފުލުހުން ބުނެ އެވެ.
މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް އިފްތިތާހުކޮށްފައިވާއިރު ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ކަލަންޑަރެއް އެކުލަވައިލައި ތާވަލުކުރެވިފައިވާ ވަކި ދުވަސްތަކެއް ކަނޑައަޅައިގެން މުޅި އަހަރަށް ބަހާލައިގެންނެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށެވެ.
އެގޮތުން، ރައްކާ ރޯޑް ޝޯވް، ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ޕްރޮގްރާމް، ފަހިރާސްތާ ޕްރޮގްރާމް، ޓެކްސީ ޑްރައިވަރުންގެ ޕްރޮގްރާމް، ކުންފުނިތަކުގެ ޑްރައިވަރުންނާއި މުވައްޒަފުންގެ ޕްރޮގްރާމް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް އަދި ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް ހިމެނެއެވެ.