ENGLISH

08 ޖެނުއަރީ 2026

Advertisement

ފެރިދޫ ފުލުހުންގެ މަރުކަޒުގެ ގްރައުންޑް ފްލޯގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލައިފި

07 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

އއ. ފެރިދޫގައި ތަރައްގީކުރަމުންދާ ފުލުހުންގެ މަރުކަޒުގެ ގްރައުންޑް ފްލޯގެ ކޮންކްރީޓް މަސައްކަތްތަކާއި، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް ކަމަށެވެ.

ފެރިދޫ ފުލުހުންގެ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއް ފަންގިފިލާގެ އިމާރާތެއް ބިނާކުރާއިރު، މި ޕޮލިސް ޕޯސްޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޤާއިމުކުރާނެ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައެވެ. 

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައި ވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު