ENGLISH
08 ޖެނުއަރީ 2026
ނުރައްކާ މިންވަރަށް ވައި ނުސާފުވެ އާއްމުން ސަމާލުވާން އެދިއްޖެ
07 ޖެނުއަރީ 2026
|
22 ޑިސެމްބަރު 2025 ގައި މާލެ ސަރަޙައްދު ވައި ނުސާފުވެފައި. ވައި ނުސާފުވެ އާއްމުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ. ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ ބޮޑު ބަޔަކަށް ނުރައްކާ މިންވަރަށް ވައި ނުސާފުވެ އާއްމުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މިއަދު މާލެ ސަރަޙައްދު ވަރަށް ބޮޑަށް ފުސްވެފައިވާއިރު، ދުރު ފެންނަ މިންވަރު ވެސް ވަނީ ދަށްވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް ވެސް ޞިއްޙަތަށް ނުރައްކާ މިންވަރަށް މިއަދު ވައި ނުސާފު ކަމަށެވެ. އަދި، ކުރިއަށް އޮތް 6 ގަޑިއިރަށް ވެސް ވައި ނުސާފުވެ ނުރައްކާ ބޮޑުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.
ވައި ނުސާފުވުމާއެކު، ޞިއްޙީ ގޮތުން ސަމާލުވުމަށާއި، ޞިއްޙީ މައްސަލައެއް ނެތް މީހަކު ވިޔަސް މިއަދު އިތުރަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ވައި ނުސާފުވުން ރަނގަޅުވާނެކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުން ކަމަށެވެ.
ވައި ނުސާފުވާ މިންވަރު ބަލަނީ އެއާ ކޮލިޓީ އިންޑެކްސް މޮނިޓަރ ތަކުންނެވެ. އެގޮތުން އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދު ހުންނަނަމަ އެއީ ރެޑް އެލާޓެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަޙައްދުގެ ވައިގެ ކޮލިޓީ މިއަދު މެންދުރު ހުރީ 179 ގަ އެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށުމާއެކު ކޮންމެ އަހަރަކު ވެސް އިރުވައި މޫސުމުގައި ޖައްވު ނުސާފުވެއެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރުވުމުގެ ސަބަބަކީ އުތުރު އިންޑިއާގެ ސަރަޙައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށުނީ މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހު އެވެ. މިއީ، ފަހަކަށް އައިސް އެންމެ އަވަހަށް ރާއްޖެއަށް އިރުވައި މޫސުން ފެށުނު ފަހަރެވެ.