ENGLISH
08 ޖެނުއަރީ 2026
ރަސްމާލެ ޕްރޮޖެކްޓު: 64 ހެކްޓަރު ހިއްކައި ނިމިއްޖެ
07 ޖެނުއަރީ 2026
|
ރަސްމާލެއިން ހިއްކާފައިވާ ސަރަހައްދު-- ފޮޓޯ: އެމްއޭސީއެލް
ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 64 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި ނިންމާފައިވާކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްއިން ވަނީ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެމްއޭސީއެލްއިން ބުނީ މަސައްކަތުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 138 ހެކްޓަރުގެ ތެރެއިން 64 ހެކްޓަރު މިހާތަނަށް ހިއްކައި ނިމިފައިވާ ކަމަށެވެ. މިއާއެކު މި ޕްރޮޖެކްޓުގެ 47 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށްގެންދާއިރު، ވީހާވެސް އަވަހަށް މި މަސައްކަތް ނިންމުމަށް އެމްއޭސީއެލްއިން ދަނީ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކުރަމުންނެވެ. މިގޮތުން އެމްއޭސީއެލްއިން ވަނީ މި މަސައްކަތަށް 'ކްރިސްޓަބެލް ކޮލޯން"ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މިއީ 46،000 ކިއުބިކް މީޓަރު ހިއްކުމުގެ ކެޕޭސިޓީ ހުންނަ ޑްރެޖަރެކެވެ.
ސަރުކާރުން ނިންމާފައިވަނީ 12 ސަރަހައްދަކަށް ބަހާލައިގެން މި މަޝްރޫއު ކުރިއަށްގެންދިއުމަށެވެ. އަދި ނިމޭ ސަރަހައްދުތަކުން ވީހާވެސް އަވަހަށް ގޯތި ދޫކުރަން ފެށުމަށެވެ.