ENGLISH
08 ޖެނުއަރީ 2026
ދިވެހި ހާފިޒުންގެ އަދަދު 291 އަށް، ރޯދައިގެ ކުރީން 300 އަށް އަރާނެ
07 ޖެނުއަރީ 2026
|
ހާފިޒަކަށް ރައީސް އެކަމުގެ ލިޔުން ހަވާލު ކުރައްވަނީ --
ދިވެހި ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށާ ރޯދައިގެ ކުރީން އެ އަދަދު 300 އަށް އިތުރުވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނެފި އެވެ.
އުމުރުން 12 އަހަރުގެ ކުއްޖަކު ވަނީ ހާފިޒު ކަމުގެ ސަނަދު ހާސިލުކޮށްފަ އެވެ. އެއީ ރ. އިނގުރައިދޫ, އުދަރެސް ޔޫސުފް ބިން މާޒިން އެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވަނީ ޔޫސުފްއާ އޭނާގެ ބެލެނިވެރީންނާއި ބައްދަލު ކުރައްވާފަ އެވެ.
އޭގެ ފަހުން ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށެވެ. އަދި މާތް ﷲ އިރާދަފުޅުން ރަމަޟާން މަހުގެ ކުރިން ދިވެހި ހާފިޒުންގެ އަދަދު 300 އަށް އަރާނެ ކަމަށް ވިދާޅުވި އެވެ.
ހާފިޒުން އިތުރުކުރުމާއި ހާފިޒުންގެ ޝަރަފުގައި ކުރެވޭ ކަންކަމަށް ސަރުކާރުން ވަނީ ބޮޑު އިސްކަމެއް ދެއްވަން ފައްޓަވާފަ އެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރައްވާފަ އެވެ.
އަދި މި ދިޔަ އަހަރުން ފެށިގެން ވަނީ ހާފިޒުން ދަސްވެނިވުމަށް ޚާއްޞަ ޙަފްލާއެއް ބާއްވަން ފައްޓަވާފަ އެވެ. މި އަންނަ ރަމަޟާން މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނެ އެވެ. މިދިޔަ ރަމަޟާން މަހު 24 ހާފިޒުން ދަސްވެނިވި އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނީ އެ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް ގެންދިއުމަށް މަސައްކަތް ކުރުން ކަމަށެވެ.
މިވަގުތު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ދަރިވަރުން / މީހުން ދަނީ ޤުރުއާން ހިތު ދަސްކުރަމުންނެވެ. މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނެ އެވެ.