ENGLISH
09 ޖެނުއަރީ 2026
ތުޅާދޫ އާއި ވިލުފުށީގެ ހައުސިންގ ޔުނިޓްތަކަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ
06 ޖެނުއަރީ 2026
|
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަޙުމަދު ނާޒިމް މުޙައްމަދު. ފޮޓޯ: އެމްއެމްޓީވީ
ބ. ތުޅާދޫ އާއި ތ. ވިލުފުށީ ގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 11 ދުވަހު ހުޅުވާލާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައި ނާޒިމް ވިދާޅުވީ، މިދިޔަ އަހަރު ފަހުކޮޅު ތިން ރަށެއްގެ ހައުސިން މަޝްރޫއު ނިމިފައިވާ ކަމަށެވެ. އަދި ހައުސިން ލިބޭ ފަރާތްތައް ކަނޑައަޅައި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އޭގެ އިތުރުން ތިން ރަށެއްގެ މަސައްކަތް ކުރިއަށް އެބަގެންދޭ. އެއީ ބ. ތުޅާދޫ، ތ.ވިލުފުށި، ގދ. ތިނަދޫ. މީގެ ތެރޭން ތިނަދޫގެ އެޕްލިކޭޝަން ޑެޑްލައިން ހަމަވެ އިވެލުއޭޝަން މަރުހަލާގައި. އަނެއް ދެ ރަށުގަ އެޕްލިކޭޝަންއަށް މި މަހުގެ 11 ވަނަ ދުވަހު ހުޅުވާލާނެ،" ސްޓޭޓް މިނިސްޓަރ، ވިދާޅުވިއެވެ.
ތުޅާދޫގައި ސަރުކާރުން އިމާރާތްކުރި 100 ހައުސިން ޔުނިޓު ހައްގުވެރިންނަށް ދިނުމުގެ މަސައްކަތުގައި އެ ރަށު ކައުންސިލުގެ އެއްބާރުލުން ނުލިބުމާ ގުޅިގެން އެ މަސައްކަތް ސީދާ ހައުސިން މިނިސްޓްރީން ކުރާ ގޮތަށް ނިންމާފައިވާކަން އެ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
ނިމިދިޔަ ސަރުކާރުތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ތަފާތު ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، އެންމެ ބޭނުންވާ ފަރާތްތަކަށް ނުވަތަ ބޭނުން އެންމެ ޖެހިފައިވާ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަން ނުލިބިފައިވާކަން ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފަ އެވެ.