ENGLISH

09 ޖެނުއަރީ 2026

Advertisement

ގެދޮރުވެރިކަމަށް ހުޅުވާލުމުން، ފޯމުފުރާއިރު ވަގުތުން މާކްސް ފެންނާނެ: ހައުސިންގ މިނިސްޓްރީ

06 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަޙުމަދު ނާޒިމް މުޙައްމަދު. ފޮޓޯ: އެމްއެމްޓީވީ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގައި އެޕްލިކޭޝަން ހުށަހަޅާފަރާތްތަކުން، އެޕްލިކޭޝަން ހުށަހަޅާ ނިމުމުން ވަގުތުން މާކްސް ފެންނަން ހުންނާނެ ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައި ނާޒިމް ވިދާޅުވީ، މިފަހަރުވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅާ ނިމޭއިރު ވަގުތުން އެ ފަރާތަކަށް ޕޮއިންޓް ލިބޭ ވަރު ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އެއްވެސް ސިސްޓަމަކުން ފަހުން އިވެލުއޭޓްކޮށް މާކްސް ނުދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިގެންގުޅޭ ނިޒާމުގެ ތެރެއިން، އަޅުގަނޑުމެންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތި ލުމުގެ ފުރުސަތު މިދެނީ ހައުސިންއަށް. ފުރުސަތު ދޭ އިރު މުޅި ސިސްޓަމް ބައްޓަންވެފައި މިވަނީ. އެ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާ ނިމުމުން އެފަރާތްތަކަށް ވަގުތުން މާކްސް ފެންނާނެ،" ނާޒިމް ވިދާޅުވި އެވެ. 

ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވީ، ކުރިން ރާއްޖޭގައި ހުޅުވާލި ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްތަކުގައި، ކުރިމަތިލުމަށްފަހު އެކިއެކި ގޮތް ގޮތަށް އެވަލުއޭޓް ކޮށްގެން އެކި ސިފަ ސިފާގައި ޕޮއިންޓް ދެވިފައި ހުރި ކަމަށެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑަށް ގެދޮރުވެރިކަން ބޭނުންވެފައި ހުރި ފަރާތްތަކަށް ގެދޮރު ނުލިބިވާކަން ވެސް ފާހަގަކުރެއްވި އެވެ.  

ސަރުކާރުން މިފަހަރު ހުޅުވާލާ ސްކީމްގައި ދެފުށް ފެންނަ ގޮތަށް ވަރަށް ޓްރާންސްޕޭރެންޓް ސިސްޓަމެއް ގާއިމްކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހައުސިންއާ ދޭތެރޭ އޮތް އިތުބާރު ލިބި، ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަން ނާޒިމް ފާހަގަކުރެއްވި އެވެ.

މިފަހަރު އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުން، އޮޓަމެޓިކް އިން މާކްސް ލިބިގެން ދިޔަ ނަމަވެސް ދައުލަތުގައި ހުރި މައުލޫމަތުތަކަށް ބިނާކޮށް އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ވެރިފިކޭޝަން ޕްރެސެސްއެއް ކުރިއަށް ގެންދެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން ހުށަހަޅާފައިވާ މައުލޫމަތުތަކަކީ ސައްހަ ނޫން މައުލޫމާތުތަކެއްކަން ފާހަގަކުރެވިއްޖެ ނަމަ އެޕްލިކޭޝަން ބާތިލްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު