ENGLISH

09 ޖެނުއަރީ 2026

Advertisement

ކަމަކާ އެމްޑީޕީން މާބޮޑަށް ނުރުހިއްޖެނަމަ އެކަމުގައި ރައްޔިތުންނަށް ފައިދާއެއް ވާނެ: މެމްބަރު ހަސަން ހަމީދު

06 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހަސަން ހަމީދު މަޖިލީހުގެ ޖަލްސާއެއްގައި. --ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން ޕްރޮގްރެސިވް ޕާޓީގެ މެމްބަރުން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ކަމަކާ އިދިކޮޅު އެމްޑީޕީން މާބޮޑަށް ނުރުހިއްޖެނަމަ އެކަމުގައި ރައްޔިތުންނަށް ފައިދާއެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވިއިރު ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމަށް ނަގާ ވޯޓާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމަށް ނަގާ ވޯޓު އެކުއެކީ ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ގުޅޭ ގޮތުން އެއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މަޖިލީހަށް ހުށަހެޅި މި އިސްލާހު ބަލައިގަނެ، މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފައެވެ. 

ސަރުކާރުގެ ފަރާތުން ހުށަހެޅި މުހިންމު ބިލުތަކުގެ މަސައްކަތްތައް ނިންމުމަށް ދައުރުން ބޭރުން އިއްޔެއާއި މިއަދު ޖަލްސާތަކެއް ބާއްވާފައިވާއިރު، ދައުރުން ބޭރުން ޖަލްސާތައް ބާއްވަންޖެހޭ ހާލަތެއް ނެތްކަމަށާއި، ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ސަރުކާރުން އުޅެނީ އަމިއްލަ މަންފާއެއް ހާސިލުކުރަންކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. 

ދެ އިންތިހާބު އެއްކޮށްލާ ބިލާ ގުޅިގެން ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މެމްބަރު ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާކަމަކާ ވާދަވެރިން ކަންބޮޑުވާނަމަ އޭގައި ވަނީ ރައްޔިތުންނަށް ލާބައާއި މަންފާ ކަމަށް ވިދާޅުވެފައެވެ. 

"އަބަދުވެސް އަޅުގަނޑުމެން ދަންނަވާ ވާހަކައެއް މިއީ ކަމެއްގައި ހާއްސަކޮށް ސަރުކާރުގެ ފަރާތުން ހުށަހަޅާކަމެއްގައި އެމްޑީޕީން މާބޮޑަށް ނުރުހޭނަމަ، ބަލާނެކަމެއް ނެތް އެކަމުގައި ރައްޔިތުންނަށް ބޮޑު ހެވެއް އޮތީ. އެމްޑީޕީއަކީ މާޒީގައި ރައްޔިތުންނަށް ހެވެއް އެދިގެން އެއްވެސް ކަމެއްްކުރި ބައެއް ނޫން. ނަތީޖާއަކީ އެމްޑިޕީ މިހާރު އެ އޮތް ހާލަތަށް ވެއްޓުން.  " - ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހަސަން ހަމީދު

ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ބިލުތަކެއް ހުރުމާއެކު އެ ބިލުތަކުގެ މަސައްކަތް ނިންމުމަށްކަމަށާއި ދެ އިންތިހާބު އެއްކޮށްލައިގެން ރައްޔިތުންނަށް ވެސް އަދި ގައުމުގެ މުސްތަގުބަލަށް ވެސް ވާނީ ފައިދާކަން މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.

މެމްބަރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލާ ބިލުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ރަނގަޅު ވަގުތެއްގައި ކަމަށެވެ.

މެމްބަރު ވަނީ މި އިސްލާހު މަޖިލީހުން ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ނަމަވެސް އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހޭކަމަށް ގާނޫނުގައި ބަޔާންކުރެވިފައިވާތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިފަރެންޑަމް ވޯޓު ނެގުމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރަން ބާއްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރަން ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކީ ބޭއްވުމަށް ހުށަހެޅި އިސްލާހުގައި ވަނީ ދެ އިންތިހާބު އެއްކޮށްލުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށެވެ. މި މުއްދަތު ހަމަވުމުން މިހާރު އޮތް ރައްޔިތުންގެ މަޖިލިސް އުވުނީ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމެވެގެން މަޖިލިސް އުވުމާއެކު، އަލަށް އިންތިހާބު ކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު 1 ވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް އިސްލާހުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު