ENGLISH

21 މާރިޗު 2026

Advertisement

އެއް ވަގުތެއްގައި ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއުއެއް ކުރިއަށް، ތާރީޚަށް ނިންމާނެ

06 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން// ފޮޓޯ:އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރުވެސް އެއް ވަގުތެއްގައި ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއުއެއް ކުރިއަށް ގެންދާކަން ހާމަކުރައްވައި، އެ މަޝްރޫއުތައް ދީފައިވާ ތާރީޚުތަކަށް ނިންމާނެކަމުގެ ޔަގީންކަން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދު ދެެއްވައިފިއެވެ.

އެމްޑީ ޝަރީފް މި ޔަގީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހއ. ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިއްދޫގެ އިތުރުން އެމްއޭސީއެލް އިން މިހާރު ގެންދަނީ ހުޅުމާލެ ފޭސް 3 އާއި ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ހުޅުމާލެ ފޭސް 3 ހިއްކާ ނިމުމުން ދެން ހިއްކަން ފަށާނީ ގުޅި ފަޅެވެ.

އެމްޑީ ޝަރީފުގެ ވާހަކަފުޅުގައި އިއްޔެ އަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަ ދުވަހެއްކަމަށް ވިދާޅުވެ، ދިއްދޫ ރައްޔިތުންނަށް މަރުހަބާ ވިދާޅުވިއެވެ. އަދި އެމްއޭސީއެލްއަށް އިތުބާރުކޮށް، ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރެއްވީތީ މުޅި ކުންފުނީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

އެމްޑީ އިތުރަށް ވިދާޅުވީ މަޝްރޫއު ހަވާލުކުރެއްވުމަށްފަހު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މަޝްރޫއު ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވި ކަމަށެވެ. އެގޮތުން ރައީސްގެ އިރުޝާދުފުޅާއެކު ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެސްފައިވާ "ލީވް އެރިކްސަން" އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުކަން ފާހަގަކުރެއްވިއެވެ.

ދިއްދޫ ބިން ހިއްކައި އެއާޕޯޓް އެޅުމުގެ މަޝްރޫއުއާ އެކު ރަށުގެ އިގުތިސާދު ތަންމިނަށް ހުޅުވިގެންދާނެ ކަމަށް ވިދާޅުވެ، ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ދިއްދޫއަކީ އެ ސަރަޙައްދުގެ ސެންޓަރަކަށް ހެދުމަށް އެ ރަށުގެ ރައްޔިތުންނަށް އެމްޑީ ޝަރީފް އިލްތިމާސްކުރެއްވިއެވެ.

ރައީސް މުޢިއްްޒު، އަތޮޅުތަކަށް ކުރެއްވި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ހުސްވި 2025 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި ވަނީ ހއ.ދިއްދުއަށް ވަޑައިގެންފައެވެ.

މިދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަދުގެ ސަރުކާރުން ގެންގުޅޭ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ހއ. ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވަނީ  ވިދާޅުވެފައެވެ.

އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާތް ﷲގެ އިރާދަފުޅާއެކު އެ މަނިކުފާނު ދެން ދިއްދޫއަށް ވަޑައިގަންނަވާނީ، އެ އެއާޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި، އެ އެއާޕޯޓް ހުޅުވައިދެއްވުމަށް ކަމަށެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭއިރު ދިއްދޫގެ ބިމަށް 115 ހެކްޓަރުގެ އިތުރުވާނެއެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒަށް ވުރެ ބޮޑު ސަރަހައްދެކެވެ.

އެމްއޭސީއެލްގެ އަމާޒަކީ މަހެއްހާ ދުވަހު ތެރޭ ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލުމެވެ. 

ކިޔުންތެރިންގެ ހިޔާލު