ENGLISH

07 ޖެނުއަރީ 2026

Advertisement

މާލޭ ޕޯޓް ބޭރުގެ ބަޔަކަށްދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނޫން: ވަޒީރު ޒަމީރު

05 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

މާލީ ވަޒީރު މޫސާ ޒަމީރު ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: އެމްއޭސީއެލް

މާލޭ ޕޯޓް ބޭރުގެ ބަޔަކަށްދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނޫން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ހއ. ދިއްދޫ އެއަޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި ވާދަވެރީން ގެންދަނީ ސަރުކާރާއި ގުޅޭގޮތުން ފެށުނީއްސުރެ ހަޤީޤަތެއް ނެތް ވާހަކަތައް ފަތުރަމުންނެވެ.

އެއް ކަމަކަށް ފާހަގަ ކުރެއްވީ ރާއްޖެ ބަނގުރޫޓްވާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކެވެ. ވަޒީރު ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅު އަދި ފަހުން މި އަހަރު ނިމޭއިރު ރާއްޖެ ބަނގުރޫޓް ވާނެ ކަމަށް ބުނެ އެކި ވާހަކަތައް ދިޔައީ ދައްކަމުން ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތު އަމަލީގެ ދަށުން އެފަދަ ދުވަހެއް އިރާދަފުޅުން ރާއްޖެ ނުދެކޭ / އަދި ނުދެކޭނެ ކަމަށް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މިހާރު އެންމެ ބޮޑަށް ދެކެވެނީ މާލޭ ޕޯޓްގެ ހިންގުން ބޭރު ބަޔަކަށް ދޭން އުޅޭ ކަމަށް ބުނާ ވާހަކަ އެކެވެ. ޒަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ދުޅަހެޔޮ ހެޔޮވެ މިހާރު އައިސްފައިވާ ހެޔޮ ބަދަލާއެކު މި ރާއްޖޭގައި އިންވެސްޓް ކުރަން ގިނަ ކުންފުނިތަކަކުން ބޭނުންވާ ކަމަށެވެ. އެހެން ކަމުން އިވެންސްޓްމަންޓްތަކާ ގުޅޭ އެކި ޕްރޮޕޯސަލްތައް ސަރުކާރަށް ލިބެމުންދާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ، ކޮންމެ މީހެއްގެ ޕްރޮޕޯސަލް ލިބުނަސް އެ ބައްލަވާނެ. އޭގެ މާނައަކީ ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކަމެއް ކުރެއްވީއެއް ނޫން. ބަޔަކު ޕްރޮޕޯސަލެއް ހުށަހެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އެ ޤަބޫލުކުރައްވާ ކަމެއް ކުރެއްވީއެއް ނޫން،" ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ބޭރު ބަޔަކަށް ޕޯޓް ދޫކޮށްލަން ނިންމި ކަމަށް ބުނާ ވާހަކަ ތަކަކީ ހަޤީޤަތެއް ހުރި ވާހަކަތަކެއް ނޫނެވެ. އަދި ޔަޤީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ނެންގެވި ކޮންމެ ފިޔަވަޅެއް ނެންގެވީ ޤައުމުގެ ޙައްޤުގައި ކަމެވެ.

ކިޔުންތެރިންގެ ހިޔާލު