ENGLISH
09 ޖެނުއަރީ 2026
ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރާ އެކު، ދިއްދޫ އެއާޕޯޓް އަޅަން ބިންހިއްކަން ފަށައިފި
05 ޖެނުއަރީ 2026
|
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ހއ. ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު މިއަދު ފަށައިފި އެވެ.
ދިއްދޫގައި އަޅައި އެއާޕޯޓާއި ބޯހިޔާވަހިކަމާ އަދި އެހެނިހެން ޚިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުން ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އަރިހުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްލަތީފް މުހައްމަދާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ލަތީފް އަދި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި، ދިއްދޫ ބިންހިއްކުން ހަގީގަތަކަށް ހެދުމުގައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވި މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ، ބިންހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ގުޅުއްވައި އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ދިއްދޫގެ ބިންހިއްކުމާއި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ. ރައީސްގެ ޒައާމަތުގައި ދިއްދުއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާތީ މެންބަރު ލަތީފް ވަނީ ރައީސް އަށް ޝުކުރު އަދާކުރައްވައިފައެވެ.
ބިން ހިއްކުމުގެ މަޝްރޫޢު ފެއްޓުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ވިދާޅުވީ ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ފެށުމުން ދައްކުވައިދެނީ މީހަކު ކަމެއްކުރަން އިހުލާސްތެރިކަމާ އެކު އެޅެފި ނަމަ އެކަން ކާމިޔާބުވާނެކަމުގެ މަންޒަރު ކަމަށެވެ. މިނިސްޓަރ އެ އިޝާރަތް ކުރެއްވީ ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ހަގީގަތަކަށް ހެދުމަށް މެންބަރު ލަތީފް ކުރެއްވި މަސައްކަތަށެވެ.
ޒަމީރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވައުދުތައް ރައަީސް އަށް ނުފުއްދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ރައީސްގެ އިޚްކާސްރެތެރި މަސައްކަތްޕުޅުތަކާ އެކު މިއަދު ފެންނަމުން ދަނީ ވައުދުތައް ފޮނިކޮށް، ރީތިކޮށް އުފައްދަވަމުން ގެންދަވާ މަންޒަރު ކަމަށެވެ.
މިނިސްޓަރ ޒަމީރު މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:އެމްއޭސީއެލް
އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވީ ދިއްދޫގެ ބިންހިއްކުމުގެ މަސައްކަތް މިއަދު ފެށީ ދުނިޔޭގެ އޮތް އެންމެ ބޮޑު ޑްރެޖަރު ބޭނުންކޮށްގެން ކަމަށާއި ބޭނުމަކީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުން ކަމަށެވެ.
"ރައީސް ވިދާޅުވީ މިކަން ވީއެންމެ އަވަހަކަށް ނިންމާލަށޭ. އެހެންވެ އަޅުގަނޑުމެން އަތުގައި އެހެން ޑްރެޖަރު ހުރި ނަމަވެސް ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ދިއްދުއަށް ފޮނުވަން ރައީސް ނިންމެވީ އެ މަސައްކަތް އަވަސްކުރުމުގެ ގޮތުން،" ދިއްދޫ ބިންހިއްކުމުގެ މަސައްކަތާ ހަވާލުވި އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މަޝްރޫޢު ހިމެނޭއިރު ދިއްދޫގެ ބިމަށް 115 ހެކްޓަރުގެ އިތުރުވާނެ ކަމަށެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒަށް ވުރެ ބޮޑު ސަރަހައްދެކެވެ.
ދިއްދޫގައި ބިންހިއްކައި އެ ރަށުގައި އެއާޕޯޓެއް އުޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު ކުރިން ވިދާޅުވެފައި ވަނީ އިތުރުކުރެވޭ ބިމަކީ އެއާޕޯޓު ތަރައްގީކުރުމުގެ އިތުރަށްވެސް ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ގިނަ މަސައްކަތްތަކަށް މަގުފަހިކުރުމަށް ބޭނުންކުރެވޭނެ ބިމެއް ކަމަށެވެ. އަދި އެއާޕޯޓަކީ ދިއްދޫގެ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެންނާނެ ބިޔަ މަޝްރޫއެއް ކަމަށް ލަތީފް ވިދާޅުވިއެވެ. އެއާޕޯޓާއެކު ދިއްދޫގައި ފަތުރުވެރިކަން ތަރައްގީކޮށް، ވިޔަފާރިތައް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމުގައި މެންބަރު ފާހަގަކުރެއްވިއެވެ.
ހިއްކާ ބިމުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ހިދުމަތްތަކާއި އާ ވިޔަފާރިތައް ގާއިމުކުރެވިގެންދާއިރު، ދިއްދޫ ރައްޔިތުންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމުގައި ވެސް މެންބަރު ދެކެވަޑައިގަންނަވައެވެ.
އެމްއޭސީއެލް އިން އުއްމީދު ކުރަނީ މަހެއްހާ ދުވަހު ތެރޭ ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ދިއްދޫ ބިން ހިއްކަން ފެށުމުގެ އުފަލުގައި އެ ރަށުގައި މިރޭ ހަވާ އަރުވަން ވަނީ ހަމަޖެހިފައެވެ.