ENGLISH
07 ޖެނުއަރީ 2026
ޒަަކާތު ފަންޑު ބެލެހެއްޓުމުގައި އެމްއެމްއޭއިން ބައިވެރިވަނީ، އިތުބާރު ދެމެހެއްޓޭނެ ފިޔަވަޅެއް
05 ޖެނުއަރީ 2026
|
ޒަކާތު ފަންޑު މެނޭޖުކުރުމާއި ބެލެެހެއްޓުން އެމްއެމްއޭއާ ހަވާލުކުރުމުގެ އެއްބަަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެނޭޖުކޮށް ބެެލެހެއްޓުމުގައި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބައިވެރިވާ ގޮތަށް އެ ބޭންކާއެކު އެއްބަސްވުމެއް ގާއިމުކުރެވުމާއެކު، ޒަކާތުގެ ނިޒާމަށް އޮތް އިތުބާރު އިތުރުވާނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާރުވަނީ ފުރަތަމަ ފަހަރަށް ޒަކާތުގެ ގާނޫނެއް އެކުލަވައިލެވި އަމަލުކުރަން ފެށިފައެވެ. އެ ގާނޫނުގެ ދަށުން ގާނޫނީ ބާރު ލިބިފައިވާ އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް އުފައްދާފައިވެއެވެ.
ޒަކާތު ފަންޑު މެނޭޖުކޮށް ބެލެހެއްޓުމުގައި އެހީތެރިވުމާ ގުޅޭ ގޮތުން ޒަކާތު ހައުސްއާއި އެމްއެމްއޭގެ މެދުގައި ހާއްސަ އެއްބަސްވުމެއް ގާއިމުކުރެވިފައިވެއެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީމު ވިދާޅުވީ ޒަކާތު ފަންޑު ބަލަހައްޓަން އެމްއެމްއޭއާ ހަވާލުކުރެވުމަކީ ޒަކާތުގެ ނިޒާމަށް އޮތް އިތުބާރު އިތުރުކޮށް ދެމެެހެއްޓުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
"މިފަންޑު ބަލަހައްޓާނީ ވަކި ޚާއްޞަ އެކައުންޓެއްގައި ވަކި ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން. އަޅުގަނޑު ޤަބޫލުކުރާ ގޮތުން އެމްއެމްއޭއިން މިފަންޑު ބެލެހެއްޓުމަކީ، މިނިޒާމާ މެދު އިތުބާރު ދެމެހެއްޓުމަށް އެޅުނު މުޙިއްމު ފިޔަވަޅެއް." ޑރ.ޝަހީމު ވިދާޅުވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޒަކާތު ފަންޑު މެނޭޖުކުރުމުގެ މަސައްކަަތް އެމްއެމްއޭއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަނަރު އަހްމަދު މުނައްވަރެވެ.
ޑރ.ޝަހީމު ކުރިން ވިދާޅުވެފައިވާ ގޮތުން ރާއްޖޭގައި އަމަލުކުރަން ފަށާފައިވާ ޒަކާތުގެ ގާނޫނަކީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި މިހާރު އަމަލުކުރަމުންދާ ޒަކާތާ ބެހޭ ގާނޫނުތަކާ އަޅާބަލާއިރު ވަރަށް ހަރުދަނާ ޒަމާނީ އަދި އިދާރީ ހިންގުމުގެ އެންމެ ފަހުގެ އުސޫލުތައް އެކުލެވޭ ގާނޫނެކެވެ. އަދި އެ ގާނޫނުގެ ދަށުން ފަރުމާކުރެވިފައިވާ ނިޒާމުގެ ދަށުން ވަރަށް ބޮޑު ހެޔޮ ބަދަލެއް ޒަކާތުގެ ނިޒާމަށް އަންނާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.