ENGLISH
07 ޖެނުއަރީ 2026
ސިއްހީ ދާއިރާއަށް މުޅިން އައު ޒަމާނެއްގެ އަލިވިލެނީ؛ ބިނާރުތައް ތަރައްގީކުރުމުގެ ތާރީޚީ ބޮޑު މަޝްރޫއެއް
05 ޖެނުއަރީ 2026
|
ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތްތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށް އެ ދާއިރާގެ ބިނާރުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް ސަރުކާރުން ފަށާފައިވާކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސިއްހީ ހިދުމަތްތައް ފުޅާކޮށް މާލޭ ސަރަހައްދަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ފަށާފއިވާ ކަމަށެވެ.
އެގޮތުން އަތޮޅު ތެރޭގެ ހޮސްޕިޓާތައް ތަރައްގީކުރުމާއި، އެތަންތަނުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ނާޒިމު ވިދާޅުވިއެވެ. މި ހުރިހާ މަސައްކަތްތަކެއްގެ މައިގަނޑު މަގުސަދަކީ ސިއްހީ ހިދުމަތަކީ ވަށާޖެހޭ ހިދުމަތެއްގެ ގޮތުގައި ބައްޓަންކުރުން ކަމުގައި ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ މި މަޝްރޫއުތަކަކީ އެއް މަޝްރޫއު އަނެއް މަޝްރޫއާ ލާމެހިފައިވާ ގޮތަށް ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމުގައެވެ.
"ރައީސް މުއިއްޒު އެޑްމިނިސްޓްރޭޝަންއާއި ހަވާލުވެގެން މަސައްކަތް ފަށައިގަނެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުންނާއި އަދި ޚިދުމަތްތައް ފުޅާކުރަން ކުރި މަސައްކަތުން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ އަތޮޅުތެރޭގެ އުމްރާނީ ތަރައްޤީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައިވާކަން ހެލްތް ފެސިލިޓީސްތަކުގެ ބައެއް ތަންތަނުގެ ޖާގަ ވަރަށް ބޮޑަށް ކުޑަވެފަ އަނެއްބައި ތަންތަން ވަރަށް ބޮޑަށް ވީރާނާވެ ޚިދުމަތް ނުދެވޭވަރަށް ބާވެފައި ހުރުން. ވާރޭވެހުން މިހުރިހައި ކަމެއް ރަނގަޅުކުރުމަށްޓަކައި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ނުހިންގޭ ވަރުގެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫއެއް ހެލްތް މިނިސްޓްރީން އެބަ ކުރިއަށްގެންދޭ. ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތައް." ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އައު ހޮސްޕިޓާތައް ތަރައްގީކުރުމަށް 39 މަޝްރޫއެއް މިހާރު ފަށައިގެން ކުރިއަށްގެންދާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 22 މަޝްރޫއެއްގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި އަލަށް 19 ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރަށްރަށުގައި މިހާރު ހުރި ހެލްތު ސެންޓަރުތައް އިތުރަށް ތަރައްގީކޮށް ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ޖާގަތައް އިތުރުކުރުމަށްޓކައި 89 ސިއްހީ މަރުކަޒެއްގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއު އަންނަނީ ކުރިަށް ގެންދަމުންނެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އަލަށް ފަށަން ރޭވިފައިވާ 22 މަޝްރޫއުގެ ތެރޭގައި އަށް ހޮސްޕިޓަލަކާއި، ފަސް ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރަށް ނުވަ ސިއްހީ މަރުކަޒެއްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ސިއްހީ ދާއިރާގެ ބިނާރުތައް ތަރައްގީކުރުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތެވެ. މި މަސައްކަތް ނިމޭއިރު އެކި ގިންތީގެ ހޮސްޕިޓާތަކުން ލިބޭނެ ހިދުމަތްތައް ކަނޑައެޅި ވަރަށް ނާދިރު މަދު ހާލަތެއްގައި މެނުވީ މާލެއަށް ހިދުމަތް ހޯދަން އަންނަން ނުޖެހޭނެ ގޮތަށް އަތޮޅު ތެރޭގެ ސިއްހީ ހިދުމަތުގެ ވިއުގަ ބައްޓަންކުރެވިގެންދާނެ ކަމުގައި ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.