ENGLISH
19 ޖޫން 2026
މާތްاللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަންއުޅޭ މީހުންނަށް ޢަޛާބުދެއްވައި ނެތިކުރައްވާނެ: ހުކުރު ޚުޠުބާ
19 ޖޫން 2026
|
ސަލްމާން މިސްކިތުގައި ކުރިއަށްދިޔަ ހުކުރު ނަމާދުގެ ތެރެއިން. --ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މާތްاللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަންއުޅޭ މީހުންނަށް މާތްالله ގަދަފަދަ ޢަޛާބުދެއްވައި ނެތިކުރައްވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ޢާޝޫރާ ދުވަސް" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ވަނީ، اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާންޖެހޭނޭ ދުވަހެއް އަންނާނޭކަން ދަނެ އެކަލާނގެއަށް ބިރުވެތިވެ ތަޤުވާވެރިވުމަށް ގޮވާލައިފައެވެ.
ޚުޠުބާގައި ބުނީ، މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި، ޢިބުރަތްތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި، އެ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެ ކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވި ދުވަސް ކަމަށެވެ.
ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަޤުކުރެއްވީ އެ ދުވަހު ކަމަށާއި، އެހެންވެ މޫސާގެފާނަށް ތަބާވީ މީހުން الله تَعَالَىއަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދުވަހު ރޯދަހިފި ކަމަށް ޚުޠުބާގައި ބުންޏެވެ. މި ފަދަ ޙާދިސާތަކުގައި ގިނަގުނަވެގެންވާ ޢިބުރަތްތަކާއި ފިލާވަޅުތައް ލައްވައިފައިވަނީ މާތް اللهއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުޞީބާތްތަކުންނާއި އާފާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، މީސްތަކުންގެ އީމާންކަން ހަރުދަނާކުރެއްވުމަށް ޓަކައި ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
"ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުން ސަލާމަތްވީ ހާދިސާއިން އެނގެނީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުންކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަމެވެ. ހަމަ އެހެންމެ މިއިން އެނގެނީ މާތް اللهއަށް އިތުބާރުކޮށް އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަމެވެ. އަދި މާތްاللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަންއުޅޭ މީހުންނަށް މާތްالله ގަދަފަދަ ޢަޛާބުދެއްވައި ނެތިކުރައްވާނޭ ކަމެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ރަސޫލު الله صلى الله عليه وسلم ޢާޝޫރާ ދުވަހު ރޯދަހިފުން ސުންނަތެއްކަމުގައި ލައްވައިފައިވާ ކަމަށާއި، އެއީ މޫސާގެފާނާއި އެ ކަލޭގެފާނަށް އީމާންވީ މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވިކަމަށް ޓަކައި ޝުކުރުވެރިވުމުގެ ގޮތުން ކަމަށެވެ.
"ޢާޝޫރާދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއް ދުވަސް ފަހުން ރޯދަ ހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުމެވެ." ޚުޠުބާގައި ބުންޏެވެ.
ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ ޢަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް، ހެޔޮ ޢަމަލުތަކުގެ މައްޗަށް މީސްތަކުން ތަރުބިޔަތުވެ، ޢަމަލީގޮތުން އޭގެ ތެރެއަށް ވަނުމަށް މާތް الله ހުޅުއްވައިދެއްވައިފައިވާ ދޮރެއް ކަަމަށާއި، އަހަރުގެ އެކި ހިސާބުގައި މި ފަދަ ތަފާތު ދުވަސްތައް އައުމުން ނަފުސު އެ ކަންކަމަށް ހޭނުވުމަށް ފުރުޞަތުލިބޭ ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ޢާޝޫރާ ދުވަހުގެ މާތްކަމާ ބެހޭ ގޮތުން ޢިލްމުވެރީން ވިދާޅުވަނީ ޢާޝޫރާ ދުވަހު އަޅުކަމުގެ ގޮތުން، އެ ދުވަހު ރޯދަހިފުން ނޫން އެހެން އަޅުކަމެއް އޮތްކަން އެނގިވަޑައިނުގަންނަވާކަމަށް ކަމަށެވެ.
މުޙައްރަމު މަހުގެ ދިހަވަނަ ދުވަހާ ގުޅުވައި، އިސްލާމީ ޝަރީޢަތާ ޚިލާފު އެތައް ކަމެއް ބައެއް ފަރާތްތަކުން ކުރާ ކަމަށާއި، އަދި މި ފަދަ ބައެއް ކަންކަން ޒަމާނީ މީޑިއާގެ ތެރެއިން މުސްލިމް މުޖުތަމަޢުތަކަށް ފޭދިގެންދިއުމާ އެކު މި ކަހަލަ ބައެއް ފިކުރުތަކަށް މުޖުތަމަޢު ވަންނަތަން ފެންނަ ކަމަށް ޚުޠުބާގައި ބުންޏެވެ. އެހެންކަމުން، މިފަދަ ޢަމަލުތަކާއި، ބިދުޢަތަކާ ދުރުހެލިވުމަށް ޚުޠުބާގައި ގޮވާލައިފައިވެއެވެ.
ޢާޝޫރާ ދުވަހު، ރަސޫލާ صلى الله عليه وسلم އެންގެވި ފަދައިން ރޯދަހިފައި މާތް اللهގެ ޙަޟުރަތާ ކުއްތަން ވެވޭތޯ މަސައްކަތް ކުރުމަށް ވެސް ޚުޠުބާގައި އިލްތިމާސްކޮށްފައިވެއެވެ.