ENGLISH
19 ޖޫން 2026
ގަލަޕަގޯސް އައިލެންޑްސްއިން، ސައިންސްވެރިން އާދަޔާޚިލާފު ކުޑަ ބޯވައެއް ހޯދައިފި
19 ޖޫން 2026
|
ސައިންވެރިން ހޯދާފައިވާ ކުޑަ ބޯވަ-- ފޮޓޯ: ސީއެންއެން
އެންމެ މަޤްބޫލު
ގަލަޕަގޯސް އައިލެންޑްސްގެ ފުން ކަނޑުގެ އަޑިން، އަތްތިލައެއްގެ ސައިޒުގެ ކުޑަ، ނޫކުލައިގެ ބޯވައިގެ އާ ބާވަތެއް ސައިންސްވެރިން ހޯދައިފިއެވެ.
"މައިކްރޯއެލެޑޯން ގަލަޕަގޭންސިސް "ގެ ނަމުން ނަންދެވިފައިވާ މި ބޯވައަކީ އަތްތިލައިގެ މެދުން ފެށިގެން މެދު އިނގިލީގެ ކުރިއާ ހަމައަށް ހުންނަވަރުގެ ކުޑަ އެއްޗެކެވެ. ބޮޑު ދެ ލޯ ލިބިފައިވާ މި މަޚްލޫގުގެ ހަށިގަނޑުގައި ހުންނަނީ ނޫކުލައެކެވެ.
މި ބޯވަ ފުރަތަމަ ފެނިފައިވަނީ 2015 ވަނަ އަހަރު، ކަނޑުގެ 5,800 ފޫޓު (1,773 މީޓަރު) އަޑިން، ރިމޯޓުން ކޮންޓްރޯލްކުރާ ރޮބޮޓެއްގެ އެހީގައެވެ. އޭރު ކަނޑުގެ ދިރޭ އެއްޗިހި ހޯދުމުގައި ހަރަކާތްތެރިވި "އީވީ ނައުޓިލަސް" ގެ ޓީމުން ބުނި ގޮތުގައި، މި ބޯވަ ފެންނަނީ ކުޑަކުދިން ކުޅޭ މަޑު ކުޅޭ އެއްޗެއްގެ ގޮތަށެވެ.
ޝިކާގޯގެ ފީލްޑް މިއުޒިއަމްގެ ކިއުރޭޓަރ އެމެރިޓާ ޖެނެޓް ވޮއިޓް އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ މި ދިރާސާ، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު "ޒޫޓެކްސާ " ޖާނަލްގައި ވަނީ ޝާއިޢުކޮށްފައެވެ. ސައިންސްވެރިން މި ބޯވަ ދެނެގަތުމަށްޓަކައި ސީޓީ ސްކޭނަރެއް ބޭނުންކޮށްގެން އޭގެ ހަށިގަނޑުގެ އެތެރެއާއި ބޭރުގެ އޮނިގަނޑު ވަނީ ތުރީ-ޑީ މޮޑެލްއެއްގެ އެހީގައި ދިރާސާކޮށްފައެވެ.
ޖެނެޓް ވޮއިޓް ފާހަގަކުރެއްވި ގޮތުގައި، މި ބޯވައަކީ "މައިކްރޯއެލެޑޯން" ޖިންސަށް ނިސްބަތްވާ މިހާތަނަށް ފެނުނު ދެވަނަ ބާވަތެވެ. މީގެ ކުރިން މި ޖިންސުގެ ބާވަތެއް ފެނިފައިވަނީ 2004 ވަނަ އަހަރު އޮސްޓްރޭލިއާ ކައިރިންނެވެ. މި ދެ ބާވަތުގެ ދެމެދުގައި ހުރި އެއްގޮތްކަމުން ދޭހަވަނީ، މީގެ އެތައް އަހަރެއް ކުރިން މި ދެ ބާވަތުގެ އަސްލު އެއްތަނަކުން އުފެދިފައިވާކަން ކަމަށް އޭނާ ބުނެފައިވެއެވެ.
ކަނޑުގެ ދިރާސާވެރިން ބުނާ ގޮތުގައި، ކަނޑުގެ އަޑީގެ %0.001 ވެސް އަދި ބަލާލެވިފައި ނުވާއިރު، މިފަދަ އާ ހޯދުންތަކުގެ ސަބަބުން ކަނޑުގެ ދިރޭތަކެތީގެ ނަސްލުތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ލިބިގެންދެއެވެ. ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވަމުންދާ ދަނޑިވަޅެއްގައި، މިފަދަ މަޚްލޫގުން ދެނެގަތުމަކީ ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ކަމެއްކަމަށް ސައިންސްވެރިން ދެކެއެވެ.