ENGLISH

19 ޖޫން 2026

Advertisement

ވިސާގެ މައްސަލައަށްފަހު، އައިވަރީ ކޯސްޓުގެ ވަހީއަށް ކެނެޑާއަށް އެތެރެވުމުގެ ހުއްދަދީފި

19 ޖޫން 2026

|

އިސްމާއިލް ޝާހު

އައިވަރީ ކޯސްޓުގެ ޤައުމީ ޓީމުގެ ފޯވާޑް އެލީ ވަހީ ---

އައިވަރީ ކޯސްޓުގެ ފޯވާޑް އެލީ ވަހީއަށް ކެނެޑާއަށް އެތެރެވުމަށް ބޭނުންވާ އިދާރީ އަދި ދަތުރުފަތުރުގެ ހުއްދަތައް ނުދޭން މީގެ ކުރިން ނިންމި ނަމަވެސް، ފީފާ ވޯލްޑް ކަޕް 2026 ގައި ޖަރުމަނާ ދެކޮޅަށް ވާދަކުރުމަށް ކެނެޑާއަށް ދިޔުމުގެ ކަންކަން މިހާރު ހަމެޖެހިފައިވާ ކަމަށް އެ ޤައުމުގެ ފެޑަރޭޝަނުން ބުނެފިއެވެ.

ވަހީއަށް ކެނެޑާއަށް އެތެރެވުމަށް ބޭނުންވާ ހުއްދަތައް ނުލިބުމާ ގުޅިގެން، މާދަމާރޭ ޓޮރޮންޓޯގައި ޖަރުމަނާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖް މެޗުގައި އޭނާއަށް ބައިވެރި ނުވެވޭނެ ކަމަށް ބެލެވުނެވެ.

އޭނާއަށް އޭރު ހުއްދަ ނުލިބުނީ ފްރާންސްގައި ކުރިމަތިވެފައިވާ ގާނޫނީ ސީރިއަސް މައްސަލަތަކަކާ ގުޅިގެން ކަމަށް ބެލެވެއެވެ. ފްރާންސްގެ ނީސްއަށް ކުޅޭ އުމުރުން 23 އަހަރުގެ މި ފޯވާޑް، މިދިޔަ މަހު މާސޭއިން ހައްޔަރުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އައިވަރީ ކޯސްޓުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ވަހީއަށް ކެނެޑާގެ ވިސާ ފުރަތަމަ ހަމަޖެހިފައި ނުވާ ކަމަށާއި، އެކަމަކު މިހާރު އެ މައްސަލައަށް ހައްލު ލިބި، އެކަމުގެ ހާސްކަން ފިލާފައިވާ ކަމަށެވެ. 

ވަހީގެ މައްޗަށް ތުހުމަތުކުރެވެނީ، މިދިޔަ މެއި މަހު މެޓްޒްއާ ދެކޮޅަށް ކުޅުނު ފްރެންޗް ލީގުގެ މެޗެއްގައި، ބެޓިން މާކެޓަށް ނުފޫޒު ފޯރުވުމުގެ މަގުސަދުގައި ގަސްތުގައި ރީނދޫ ކާޑެއް ހޯދި ކަމަށެވެ. މާސޭގެ ޕްރޮސެކިއުޓަރ އޮފީހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ރޭވިގެން ހިންގާ މަކަރާއި ހީލަތް، ކުޅިވަރުގެ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލައެއް އަންނަނީ ތަހުގީގު ކުރަމުންނެވެ. ސުވާލު ކުރުމަށްފަހު ވަހީ ބަންދުން ދޫކޮށްލި ނަމަވެސް، އެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

ފްރާންސްގެ ލީގް ފުޓްބޯލް (އެލްއެފްޕީ) އިން ބުނި ގޮތުގައި، އެ މެޗުގައި ވަހީއަށް އިންޒާރުގެ ކާޑެއް ލިބޭނެ ކަމަށް ބެޓް ކުރި މިންވަރު އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން އެކަން ވަނީ ފާހަގަކުރެވިފައެވެ.

ގާނޫނީ މައްސަލަތަކާ ހުރެ މި ފަހަރުގެ ވޯލްޑް ކަޕުގައި ކެނެޑާއަށް އެތެރެވުމަށް ވަހީއަށް ދަތިތަކެއް ކުރިމަތިވިއިރު، މީގެ ކުރިން ގާނާގެ ތޯމަސް ޕާޓޭއަށްވަނީ ކެނެޑާގެ ވިސާ ނުލިބިފައެވެ. އެއީ އިނގިރޭސިވިލާތުގައި އޭނާގެ މައްޗަށް ހިނގަމުންދާ ޖިނާއީ މައްސަލަތަކަކާ ގުޅިގެންނާއި، މީގެ ކުރިން ހައްޔަރުކުރި މައުލޫމާތު ކެނެޑާގެ ކަސްޓަމްސް އޮފިޝަލުންނަށް ފުރިހަމައަށް ހާމަކޮށްފައި ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު