ENGLISH
19 ޖޫން 2026
ޕީއެންސީއަކީ އެމްޑީޕި ގޮތަށް އޮޅުންބޮޅުން އަރާފަ އޮތް ކަންވާރު ބޮޅެއް ނޫން: ޚަލީލް
19 ޖޫން 2026
|
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
އެންމެ މަޤްބޫލު
ސަރުކާރު ހިންގާ ޕީއެންސީ އަކީ އިދިކޮޅު އެމްޑީޕީ ގޮތަށް އޮޅުންބޮޅުން އަރާފަ އޮތް ކަންވާރު ބޮޅެއް ނޫން ކަމުގައި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
"ޕީއެންސީ މުޅީން ބައިބައިވެފައިވާ" ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ހޫނު ރައްދެއް ދެއްވަމުން ޚަލީލް ވިދާޅުވީ ނަޝީދު ކުރައްވަނީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި ޕީއެންސީ ދާނީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ކަމުގައި ވިދާޅުވި އެވެ.
"ވަރަށް ބޮޑު ކުށް ހީއެއް. ޕީއެއްސީ ދުވަހެއް ދުވަހަކަށް ދާނީ ވަރުގަދަ ވަމުން، އިންޝާﷲ،"
ޚަލީލް ވިދާޅުވީ ޕީއެންސީ އަކީ ދިވެހި ގައުމު އިސްކުރާ ޕާޓީ ކަމަށާ އެއީ ދިވެހި ރައްޔިތުން އިސްކުރާ ޕާޓީ ކަމަށެވެ. އަދި އެއީ ދިވެހި ގައުމުގެ ކަނޑާ ބިން އިސްކުރާ ޕާޓީ ކަމަށާ ޕީއެންސީ އަކީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު އިސްކުރާ ޕާޓީ ކަމަށެވެ.
"މިއީ ގައުމުގެ އިގްތިސާދު ސިންދަފާތުކޮށް ކުރިއަރުވައި ގައުމު ޖައްސާފަ އޮތް ދަރަނީގެ ދަންތުރައިން ސަލާމަތްކުރުމަށް މަސައްކަތްކުރާ ޕާޓީ. މިއީ މާއްދީ އަދި މަޢުނަވީ ތަރައްގީ ގައުމަށް ގެނައުމުގެ ވިސްނުން އިސްކުރާ ޕާޓީ،" ޚަލީލް ވިދާޅުވި އެވެ.
އަދި ޚަލީލް ވަނީ ޕީއެންސީ އަކީ އެމްޑީޕި ގޮތަށް އޮޅުންބޮޅުން އަރާފަ އޮތް ކަންވާރު ބޮޅެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މިޕާޓީގެ އަމާޒު ވަރަށް ސާފު. ސިޔާސަތުތައް އެހާ ސާފު. އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި ދިވެހި ގައުމާއި ރައްޔިތުންނާ އެކު،" ޚަލީލް ވިދާޅުވި އެެވެ.