ENGLISH
07 ޖެނުއަރީ 2026
އުންމީދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުޅިން އައު ރަންޒަމާނެއް ފެނުން: ސައީދު
05 ޖެނުއަރީ 2026
|
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެ ވިޔަފާރިތަކަށް މުޅިން އައު ރަންްޒަމާނެއް ފެންނާނެކަމަށް އުންމީދުކުރައްވާ ކަމުގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ފާއިތުވި ޑިސެންބަރު މަހުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ބައްދަލުކުރައްވައި، އެ ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރައީސްވަނީ 2026 ވަނަ އަހަރާއި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ލިބޭނެ ދެ އަހަރު ކަމުގައި ކަނޑައަޅުއްވާފައެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ކުރިއަށްގެންދަވާ "ތަރުޖަމާނާއެކު" ސިލްސިލާ ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ދެއްކެވި ވާހަކަފުޅުގައި ސައީދު ފާހަގަކުރެއްވީ ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި، ގުދަންކުރުމުގައި ކުރިމަތިވާ ދަތިތައް ވިޔަފާރިވެރިން ފާހަގަކުރުމާ ގުޅިގެން، އެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އަދި މިހާރު ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެވި، އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން މާލޭ ސަރަހައްދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ގުދަންތަކެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާއަކީ ގިނަ އޮޅުންބޮޅުންތަކެއް އޮތް ދާއިރާއެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މިހާރު ސަރުކާރުން ފަށާފައިވާ މަސައްކަތަކީ އެ އޮޅުންބޮޅުންތައް ފިލުވުމުގެ މަސައްކަތެވެ. ކުރީ ސަރުކާރުން އެ ދާއިރާއަށް ވެފައިވާ އިހުމާލަށް އިޝާރަތްކުރައްވަމުން ސައީދު ފާހަގަކުރެއްވީ ކުރީގެ ސަރުކާރުުގައި ކުދި ވިޔަފާރިތަކާ މަސައްކަތްތައް ހަވާލުކޮށް، މަސައްކަތްކުރުވުމަށްފަހު ފައިސާ ނުދީ ހުރި ކަމެވެ. އެކަމުގެ ސަބަބުން އެ ވިޔަފާރިތަކާއި، އެ ވިޔަފާރިތަކާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވާކަން ފާހަގަކުރެއްވިއެވެ.
މިހާރު ސަރުކާރުން އަންނަނީ އެކި މަޝްރޫއުތަކުގެ މަސައްކަތްކުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއިރު ނުދީ ހުުރި ފައިސާ ދައްކައި ހަލާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ވެރިކަމާ ރައީސް ޑރ.މުޢިއްޒު ހަވާލުވެވަޑައިގަތީއްސުރެ މިފަދަ ކަންކަން ހައްލުކުރެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުން ކަމަށެވެ. އެގޮތުން މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، މަސްވެރިންނަކީ ހުރިހާ މުއައްސަސާއަކުން ބަލައިގަންނަ ބަޔަކަަށް ބަދަލުކޮށް، ބޭންކުތަކުން ލޯނުތައް ނެގޭނެ މަގުފަހިކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރަށް ދަނޑުވެރިން އުފައްދާ އުފެއްދުންތައް އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް ކުރެވޭނެ ގޮތް މިހާރުވެސް ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ބޮޑެތި ސިޓީޓަކުގެ ޕޯޓުތައް ފިޔަވައި ދެން ހުރި ސަރަހައްދީ ބަނދަރުތައް ހިމެނޭ ގޮތަށް ލޮޖެސްޓިކް ނެޓުވޯކެއް އެމްޕީއެލް މެދުވެރިކޮށް ގާއިމުކޮށް، މުދާ އުފުލުމަށް ބުރޫނާރާނެ ގޮތަށް އެ މަސައްކަތް ތަރުތީބުކުރުމަށް ރޭވިފައިވާ ކަމަށެވެ.
މި އަހަރާއި އަންނަ އަހަރަކީ އެސްއެމްއީތަކަށް ހާއްސަ އިނާޔަތްތަކެއް ދީގެން، އިތުރު އިސްކަންދީ ބެލެހެއްޓުންތެރިކަމާއެކު ކުރިއެރުވުމަށް މަސައްކަތްކުރެވޭނެ ދެ އަހަރުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ސަރުކާރުގެ އުންމީދަަކީ މި ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ދުވަސްތަކަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރަން ޒަމާނެއް ފެންނާނެ ދުވަސްތަކަކަށްވުން ކަމަށެވެ.