ENGLISH

07 ޖެނުއަރީ 2026

Advertisement

ރަސްމާލެ މަޝްރޫޢުގެ "އޭރިއާ އޭ" ގެ 56 ހެކްޓަރު ހިއްކާ ނިމިއްޖެ

05 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން "އޭރިއާ އޭ" ގެ 56 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި އެމްއޭސީއެލް އިން ބުނީ މިހާރު އެ ސައިޓުގެ "އޭރިއާ އޭ" އިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 56 ހެކްޓަރު ނިމިފައިވާ ކަމަށާއި އަދި އެ ސައިޓުގެ 41 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް އެމްއޭސީއެލްއިން ގެނައި 2 ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެމެއޭސީއެލް އިން ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން 'ކްރިސްޓަބެލް ކޮލޯން"ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރު ރާއްޖެ ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް އިތުރަށް ވަނީ ހަލުއިކޮށްފަ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މިމަޝްރޫޢުގައި ބިން ހިއްކަމުންދަނީ 12 ސަރަޙައްދަކަށް ބާހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް

ރަސްމާލެއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ ބޮޑު މަޝްރޫޢުއެކެވެ. މިހާރު އެ މަޝްރޫއުގެ ތެރެއިން އެންމެ އަވަހަށް ހިއްކައި ނިމޭ ބިމުން 15،000 ގޯތި ދޫކުރުމަށް ރައީސް ނިންމަވާފައިވެ އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ރަސްމާލެ ތަރައްގީކުރަނީ ސައްތައިން ސައްތަ ޒީރޯ ނެޓް ކާބަން ސިޓީއެއްގެ ގޮތުގައި ސްމާޓު އިކޯ ސިޓީއެއްގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ގޮތަށެވެ. އެއީ ރާއްޖޭގެ ތާރީހުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު