ENGLISH
07 ޖެނުއަރީ 2026
މިއީ ސިޔާސީ އިސްލާހެއް ނޫން، މުސާރަ ގުރުބާންކޮށްލީ ރައްޔިތުންގެ ހައްގުގައި: ފަލާހް
05 ޖެނުއަރީ 2026
|
މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު
ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރަން ބާއްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރަން ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކީ ބޭއްވުމަށް ހުށަހެޅި އިސްލާހަކީ ސިޔާސީ އިސްލާހެއް ނޫންކަމަށާއި، މުސާރަ ގުރުބާންކޮށްގެންވެސް ރައްޔިތުންގެ ހައްގުގައި މިއީ މިހާރުން މިހާރަށް ގެންނަޖެހޭ ބަދަލެެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މިއީ ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހެކެވެ.
އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީ ބޭއްވުމަށް ހުށަހެޅި އިސްލާހަކީ ޤާނޫނުއަސާސީއަށް ހުށަހެޅިގެންދިޔަ މުހިންމު އިސްލާހެއްކަމަށެވެ.
މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރު ދުވަހުގެ ދައުރު ހަމަވާނީ 2029 ވަނަ އަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހަށްކަން ފާހަގަކުރައްވައި އިސްލާހުތަކާއެކު ދެން މެމްބަރުންގެ ދައުރު ހަމަވާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރުމަހުކަމަށް ފަލާހު ވިދާޅުވިއެވެ.
"ކޮންމެ މެމްބަރަކަށް 6 މަސްދުވަސް މެމްބަރުކަމުގެ ދައުރުން އެބަ އުނިވޭ. މުސާރައިގެ ގޮތުން ބަލާނަމަ 450،000 ރުފިޔާ އެބަ އުނިވޭ. ގައުމީ ވިސްނުމުން ބަލާނަމަ ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްވާނެ." - ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު
ފަލާހް އިތުރަށް ވިދާޅުވީ މި އިސްލާހަކީ ސިޔާސީ އިސްލާހެއް ނޫންކަމަށެވެ. އަދި ހުށަހެޅިގެންދިޔަ އިސްލާހަކީ މަޖިލިސް މެމްބަރުންގެ މުސާރަތައް ގުރުބާންކޮށްގެންވެސް ރައްޔިތުންގެ ހައްގުގައި ގެންނަންޖެހިފައިއޮތް އިސްލާހެއްކަމަށެވެ.
އިސްލާހަށް ފާޑުވިދާޅުވާ އިދިކޮޅު މެމްބަރުން މެމްބަރުކަމުގެ ހުވާކުރައްވައިގެން ތިއްބަވަނީ ރައްޔިތުންނަށް ހިދުމަތްކުރެވޭ ފެންވަރަކުނޫންކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
މި އިސްލާހު މަޖިލީހުން ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވިނަމަވެސް އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހޭކަމަށާއި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ބިލު ތަޅުމަށް ހުށަހެޅުމުގެ ބޭނުމަކީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިފަރެންޑަމް ވޯޓު ނެގުންކަމަށް ފަލާހް ވިދާޅުވިއެވެ.
މިއިސްލާހު ހުށަހެޅުއްވުމުގެ ބޭނުމަކީ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވަން ވާނީ، ދެ އިންތިޚާބު އެކީގައި ކަމަށް ކަނޑައެޅުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުން ކަމަށް އެ ބިލްގައި ވެއެވެ.
މެމްބަރު ފަލާހްގެ ބިލްގައި ވަނީ ދެ އިންތިހާބު އެއްކޮށްލުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށެވެ. މި މުއްދަތު ހަމަވުމުން ރައްޔިތުންގެ މަޖިލިސް އުވުނީ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމެވެގެން މަޖިލިސް އުވުމާއެކު، އަލަށް އިންތިހާބު ކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު އެއް ވަނަ ދުވަސް ކަމަށް ކަނޑައަޅަންވެސް އިސްލާހުގައި ވެއެވެ.
ޕީއެންސީ ހަރުގޭގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށާއި، އޭގެ ކުރިން ރިޔާސީ އިންތިޚާބުގެ 2 ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށެވެ. ދެ އިންތިޚާބުގެ ދެމެދު އޮތީ 6 މަސް ދުވަހުގެ ތަފާތެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަނަށް އެންމެ ފައިދާހުރިގޮތަކަށްވާނީ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީގައި ބޭއްވުންކަމަށެވެ. މިކަމުގެ ސަބަބުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭކަމަށާއި، އެއީ ނިކަމެތި އެތައް ޢާއިލާއެއްގެ ކަންކަން ނިންމުމަށް ހޭދަކުރެވިދާނެ ފައިސާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.