ENGLISH

07 ޖެނުއަރީ 2026

Advertisement

އަމާޒަކީ އެއްފަހަރާ ގިނަ ބަޔަކު އުމްރާ އަށް ގެންދިއުމުގެ ބަދަލުގައި ޚިދުމަތް ރަނގަޅުކުރުން: ހައްޖު ކޯޕަރޭޝަން

05 ޖެނުއަރީ 2026

|

އައިޝަތު ޝާލީން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާއަށްދިޔަ އުމްރާވެރިން -- ފޮޓޯ: މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގައި ހައްޖު ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ ހައްޖަށް ނުވަތަ އުމްރާއަށް ގެންދާ މީހުންގެ އަދަދު އިތުރުކުރުގެ ބަދަލުގައި އަހަރުން އަހަރަށް ދެވޭ ޚިދުމަތްތައް ވަރުގަދަކުރުން ކަމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. 

ޝަކީލް މިފަދައިން ވިދާޅުވީ ރޭ އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ޝަކީލް ވަނީ އެކުންފުނީގެ މައިގަނޑު މަގުސަދަކީ ގިނަ ބަޔަކު އެއްފަހަރާ ގެންދިއުމުގެ ބަދަލުގައި ޚިދުމަތްތަކުގެ ސްޓޭންޑަރޑް ހިފެހެއްޓުންކަން ފާހަގަކުރައްވާފައެވެ. މިގޮތުން އުމްރާވެރިންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، އެ ކޯޕަރޭޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް އަބަދުވެސް ފިޔަވަޅުތައް އަޅަމުންދާކަމަށް ވިދާޅުވިއެވެ. 

މިގޮތުން މައްކާއަށް ކުރާ ދަތުރު ފަހިކޮށްދިނުމަށްޓަކައި ކުރިއެކޭވެސް އެއްގޮތަށް މިފަހަރުވެސް މޯލްޑިވިއަން އެއަރލައިންގެ ފްލައިޓު ޗާޓާކޮށްފައިވާނެކަން ޝަކީލު ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތްތަކުގައި ވެސް މިހާތަނަށް އުމްރާވެރިންގެ ފަރާތުން އެއްވެސް ޝަކުވާއެއް އައިސްފައިނުވާކަމަށާއި، ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި އެހީތެރިން ދަނީ ރާއްޖެއިން އުމްރާއަށްދިޔަ އެހެނިހެން ގުރޫޕުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންކަމަށް ޝަކީލް ވިދާޅުވިއެވެ. 

ޝަކީލް އިތުރަށް ވިދާޅުވީ އެ ކޯޕަރޭޝަންގެ އެމްޑީގެ މަގަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޚިދުމަތްތައް ރަނގަޅުކުރުމަށް ބޮޑެތި ބަދަލުތައް ގެނެސްދެއްވާފައިވާނެ ކަމަށެވެ. މިގޮތުން އެންމެ ބޮޑު އެއް ބަދަލަކީ މައްކާއާއި މަދީނާއާ ދެމެދު މީގެ ކުރިން ކުރަމުންދިޔަ ބަސް ދަތުރު ހައި ސްޕީޑް ރޭލަށް ބަދަލުކުރުން ކަމަށް ޝަކީލް ވިދާޅުވިއެވެ. މި ބަސް ދަތުރަކީ ހަ ގަޑިއިރާއި އަށް ގަޑިއިރާ ދެމެދުގެ ދަތުރެއް ކަމަށާއި، މި ބަދަލާއެކު ދަތުރުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދިޔަކަމަށް ޝަކީލް ވިދާޅުވިއެވެ. 

އެހެންކަމުން މިހާރު ހައްޖު ކޯޕަރޭޝަން ވެފައި މިވަނީ މުހިންމު ސްޓޭންޑަރޑްތަކެއް ސެޓުކުރާ ބައެއްގެ ގޮތުގައިކަން ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ އުމްރާވެރިންނާއި، ހައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ސްޓޭންޑަރޑް ހިފެހެއްޓުންކަމަށް ޝަކީލް ވިދާޅުވިއެވެ. 

ޝަކީލް ވިދާޅުވީ މި ދުވަސްވަރު އުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ އަދަދެއްގެ ދިވެހިން މައްކާގައި ތިބިއިރު، މީގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި 630 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާ ކަމަށެވެ. ބައިވެރިން މިހާރު ވަނީ އުމްރާގެ އަޅުކަން އަދާކޮށް ނިމިފައިކަމަށާއި، މިމަހުގެ 10 އަދި 11 ގައި އުމްރާވެރިން އެނބުރި ރާއްޖެ އަންނާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު