ENGLISH
06 ޖެނުއަރީ 2026
ސިނގިރޭޓު ވައްކަން ގުޅިފައިވަނީ ޖުވާޔާ، މިކަމަށް ވާގިވެރިވާ ދިވެހި ކުންފުންޏެއް އެބައުޅޭ: ނާޒިމް
05 ޖެނުއަރީ 2026
|
މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓުގެ ވައްކަމުގެ ތެރޭގައިވެސް ޖުވާގެ އަމަލުތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށާއި އަދި މިކަމުގައި ބައެއް ދިވެހި ކުންފުނިތައްވެސް ބައިވެރިވަމުން އަންނަކަމަށް ވިދާޅުވެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް ގެނައި އިސްލާހަށް ބަހުސްކުރައްވަމުން މެމްބަރު ވިދާޅުވީ 2024 ވަނަ އަހަރު ނިމުނުއިރު ދިގު މުއްދަތަކަށް ޖަލަށް ލާފައިތިބި މީހުން ހިންގާފައިވާ ޖަރީމާތައް އާއްމުންނަށް ތިލަވެގެންގޮސްފައިވާކަމަށެވެ. އެގޮތުން ޖުވާކުޅުމަކީވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ކަމެއްކަމަށާއި ޖުވާގެ ސަބަބުން އެހެން ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ބޮޑުވެގެންދާކަން މެމްބަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދާދިފަހުން ހިނގާދިޔަ ވައްކަންތަކުގެ ތެރޭގައިވެސް ޖުވާގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަކުރައްވަމުން މެމްބަރު ނާޒިމް ވިދާޅުވީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނެގި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ވައްކަމުގައި ޝާމިލުވެ، ފައިސާ ލިބުނު މީހުންވަނީ އެފައިސާއިން ޖުވާކުޅެ ނަފާ ހޯދަން މަސައްކަތްކޮށްފައިކަމަށެވެ. ނާޒިމް ފާހަގަކުރެއްވީ ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލައެވެ. މި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށްވަނީ ހުށަހަޅާފައެވެ.
"ސިނގިރޭޓު ވައްކަމުގައި ހިމެނޭ މީހުންވެސް ވަނީ އެފައިސާ ބެޓުކޮށް، ޖުވާކުޅެ، އެ ފައިސާއިން ނަފާ ހޯދަން މަސައްކަތްކޮށްފަ. އަދި އޭގެން ނަފާހޯދަން އުޅުމުގެ ތެރޭގައި އެ ފައިސާ ވަނީ ގެއްލިފަ. އަދި ޖުވާކުޅެގެން ހޯދި ފައިސާ އެމީހުންގެ އެކައުންޓުތަކަށް ޖަމާކޮށްދޭން ވަކި ކުންފުނިތަކެއް ހަދާފައިވަނީ. " - މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް
ޖުވާ ކުޅެގެން ލިބޭ ފައިސާ އެމީސްމީހުންގެ އެކައުންޓުތަކަށް ޖަމާކޮށްދޭން ވަކި ކުންފުނިތަކެއްވެސް ހަދައިގެން އެކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނައިރު، މިކަމުގެ ތެރޭގައި ބައެއް ދިވެހި ކުންފުނިތަކުގެ ބައިވެރިވުންވެސް އޮތްކަން ތަހުގީގުތަކަށް ފާހަގަކުރެވިފައިވާކަމަށް މެމްބަރު ނާޒިމް ވިދާޅުވިއެވެ.
"މާނައަކީ ޖުވާ ކުޅޭ މީހުންނަށް ވާގިވެރިވާ ދިވެހި ކުންފުނިތައްވެސް އެބައުޅެއޭ. ބޭންކުތަކަށް ނުހޯދޭވަރަށް ކުދި އަދަދުތަކުން ޖުވާކުޅޭ މީހުންގެ އެކައުންޓުތަކަށް ޖަމާކޮށްދިނުން (މި ކުންފުނިތަކުގެ) ޒިންމާއަކީ.،" މެންބަރު ނާޒިމު ވިދާޅުވިއެވެ.
ވުމާއެކު، ބެޓިން ވެބްސައިޓްތަކަށް ވަންނަ މީހުން ދެނެގަނެ، އެމީހުންގެ ކާޑުތައް ބޭނުންނުކުރެވޭގޮތް ބޭންކުންވެސް ހަދަމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ. ގާނޫނުގެ ސަބަބުން ޖުވާ ރާއްޖެއިން ހުއްޓުވުމަށް ބޮޑު ބާރަކަށްވެގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގެ ތަޅުމުގައިވަނީ އިއްވާފައެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލް ހުށައެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެވެ.
މި ބިލްގައިވާ ގޮތުން ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅާނެ އެވެ. އެހެން ކަމުން އެފަދަ ކަމެއް ކޮށްފި މީހަކު އެއް އަހަރާއި ހަތަރު އަހަރަށް ޖަލަށް ލެވޭނެ އެވެ.