ENGLISH

06 ޖެނުއަރީ 2026

Advertisement

އެޗްއާރްސީއެމްގެ ރައީސަކަށް ޑރ.ރަމީލާގެ ނަން ހުށަހަޅުއްވައިފި

05 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ޑރ. އައިޝަތު ރަމީލާ. --ފޮޓޯ: ރައީސް އޮފީސް

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސިއެމް)ގެ ރައީސްގެ މަގާމަށް ކުރީގެ ވަޒީރު ޑރ. އާއިޝަތު ރަމީލާ އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކުރީ، މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި އެ މަގާމަށް އެކަމަނާ އައްޔަނުކުރެއްވީ ހުސްވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ. 

ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ. ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަޤާމުގެ މުއްދަތު ހަމަވާނަމަ، އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލަން ޖެހޭނެއެވެ. އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ، މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުއެވެ.

މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަގާމުވެސް މިހާރު އޮތީ ހުސްކޮށެވެ. އެ މަޤާމަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ޑރ. ރަމީލާއަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަނުކުރެއްވި ފުރަތަމަ ވަޒީރެވެ. އެހެންނަމަވެސް ޞިއްޙީ ޙާލުކޮޅު އޭރު ހުރިގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު އެކަމަނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. 

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވާއިރު، ކޮމިޝަނުގައި މިހާރު ތިއްބަވަނީ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމުގެ އިތުރުން ޑރ. އާއިޝަތު ރަމީލާއެވެ. 

ކިޔުންތެރިންގެ ހިޔާލު