ENGLISH

07 ޖެނުއަރީ 2026

Advertisement

ހެދުން އެޅުމުގެ ޤަވާއިދަށް ގެނައީ ހެޔޮ ބަދަލެއް، ތާއީދުކުރަން: އަދާލަތު

04 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

އަދާލަތު ޕާޓީން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއް --

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނެވުނު ހެޔޮ ބަދަލުތަކަކީ، މުޖުތަމަޢުގެ ދީނީ އަދި އިޖުތިމާޢީ ސަލާމަތްތެރިކަމަށްޓަކައި އެޅުނު ރަނގަޅު ފިޔަވަޅުތަކެއްގެ ގޮތުގައި ދެކޭ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ބަދަލު ގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ގޮތަށް އެދިވަޑައިގަތުމުންނެވެ. މުޖްތަމަޢުގައި އިސްލާމީ އުސޫލުތައް ޤާއިމުކޮށް އަޚްލާޤީ ހެޔޮ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަަސައްކަތަށް ރައްޔިތުން ބޮޑު ތާޢީދެއް ކުރެ އެވެ.

އަދާލަތު ޕާޓީން ބުނީ މި ބަދަލުން އެންމެ ފުރިހަމަ ގޮތަށް ޢަމަލު ނުކުރެވުނު ނަމަވެސް ރަނގަޅުގޮތާއި ގާތްކުރާ ހެޔޮ ބަދަލުތަކަކީ އެކަމަށް ތަރުހީބުދީ ހިތްވަރުދޭންޖެހޭ ކަންކަން ކަމަށެވެ.

އެންމެ ފުރިހަމަ ގޮތަށް ނުކުރެވޭނެމަ އެއާއި ކައިރިކުރާ ގޮތަށް އަމަލުކުރުމަކީ އިސްލާމީ ޝަރީޢަތުގެ މުހިއްމު އުޞޫލެއް ކަމުގައި އެ ޕާޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.  އެ ޕާޓީން ބުނީ ހެޔޮ ބަދަލުތައް ގެނެސް، މާތްﷲ ރުހިވޮޑިގަންނަވާ މިންގަނޑަށް ވާޞިލުވުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެއް ކަމަށެވެ.

އިސްލާމްދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ތަރުތީބުކޮށްދޭ ދީން ކަމަށާ މިގޮތުން، ހެދުން އެޅުމުގެ މިންގަނޑުތަކަކީ އިސްލާމީ ތަރުބިއްޔަތާއި، އަޚުލާޤުގެ ވަރަށް މުހިންމު ބައެއް ކަމުގައި ބުނެފައިވެ އެވެ. އަދި އިސްލާމްދީނުގައި ހެދުން އެޅުމުގެ މަޤްޞަދަކީ ހަމައެކަނި ފިނިހޫނުމިނުން ސަލާމަތްވުމާއި ޒީނަތްތެރިވުމެއް ނޫން ކަން ފާހަގަކޮށް އޭގެ އެންމެ ބޮޑު މަޤްޞަދަކީ އައުރަ ނިވާކުރުމާއި، އިންސާނާގެ އިއްފަތްތެރިކަމާއި ކަރާމާތް ރައްކާތެރިކުރުން ކަމުގައި ބަޔާންކޮށްފައިވެ އެވެ.

އިސްލާމްދީނުގައި އައުރަ ނިވާކުރުމަކީ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެއްގެ މައްޗަށްވާ ވާޖިބެއް ކަމަށާ މިއީ މާތްﷲގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަމެއްކަން ޤުުރުއާނުގެ އަލީގައި ބަޔާންކޮށްފައިވެ އެވެ.

އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމުގައި ބަލަން ޖެހޭ މުހިންމު އަސާސްތަކުގެ ތެރޭގައި، އެ ހެދުމަކީ ހަށިގަނޑުގެ ބައްޓަން އެނގޭ ފަދަ ބާރު ހެދުމަކަށް ނުވުމާއި، އެތެރެ ފެންނަ ފަދަ ތުނި ހެދުމަކަށް ނުވުން ހިމެނޭ ކަމަށް އަދާލަތުގެ ބަޔާނުގައިވެ އެވެ.

އަދި އައުރަ ނިވާކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެއް ކަމަށާ އެ އަމުރުފުޅާ ދެކޮޅު ހެދުމަކީ އެކަލާނގެ ބާވައިލެއްވި ޙުކުމްފުޅަކާ ދެކޮޅު ހެދުން ކަމުގައިވާތީ އެއީ އެއްވެސް މުއުމިނު ފިރިހެނަކަށް ވެސް ނުވަތަ އަންހެނަކަށް ވެސް އެކަމަށް އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވެ އެވެ.

"ކަންމިހެން އޮތުމުގެ ސަބަބުން، އަންހެނުންނާއި ފިރިހެނުން ވެސް ހިލޭ މީހުންގެ ކުރިމަތީގައި އުޅޭ އިރު ފުރިހަމަގޮތުގައި އެބައިމީހުންގެ އައުރަ ނިވާކޮށްގެން އުޅުމަކީ އެބައިމީހުންނަށްވާ ރައްކާތެރި ކަމެއްކަމުގައި މެނުވީ ނުވެއެވެ. އެފަދައިން އުޅޭ އުޅުމަށާއި ހެޔޮ ރަނގަޅު ކަންކަމާ ދެކޮޅު ހަދާ ފަރާތްތަކުން ﷲ އަށް ބިރުވެތިވެ، ތައުބާވުމަށް ގޮވާލަމެވެ," އަދާލަތުގެ ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު