ENGLISH
07 ޖެނުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލަން ރައީސް ނަޝީދު ތާއީދުކުރައްވައިފި
04 ޖެނުއަރީ 2026
|
ކުރީގެ ރައީސް މުޙައްމަދު ނަޝީދު. ބޮޑު ދެ އިންތިޚާބު އެއްކޮށްލަން ވަނީ ތާއީދުކުރައްވާފައި.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
"ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއްކަމުގައި އަޅުގަނޑު ދެކެން" ނަޝީދު ކުރެއްވި 'އެކްސް' ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު، މުހިއްމު ބިލްތަކެއްގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ޖަލްސާގެ އެޖެންޑާގައިވާ ގޮތުން ގާނުނު އަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރުގެ 3 ބިލެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސްކުރާނެއެވެ.
މާދަމާގެ ޖަލްސާގައި މަޖިލީހަށް ހުށަހަޅަނީ، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލެވެ.
މި ތިން ހުށަހެޅުމުގެ އިތުރުން، ރީ-އެމްޕްލޯއިމަންޓްގެ ބިލަށް ވޯޓަށް އެހުމަށް ވެސް މާދަމާ އަށް އޮތީ ނިންމާފައެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނު އަސާސީ އިސްލާޙުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި 7 ޖުލައި 2024 ވަނަ ދުވަހުގެ ރޭ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެންމެ ފަހުގެ ރިޔާސީ އިންތިޚާބަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި މަޖިލިސް އިންތިޚާބުގައި 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ.
ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ދެ އިންތިޚާބު އެއްކޮށްލުން ކަމަށާއި، އޭރުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި، ރައްޔިތުން މިގޮތަށް ނިންމަވައިފި ނަމަ ޤާނޫނު އަޞާސީއަށް އިސްލާހު ގެނެސް 2028 ވަނަ އަހަރު ދެ އިންތިޚާބު އެކު އެކީގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.