ENGLISH

07 ޖެނުއަރީ 2026

Advertisement

އދ. އޮމަދޫ ބަނދަރު ތަރައްޤީކުރުން: ކީވޯލްގެ މަސައްކަތް ކުރިއަށް

04 ޖެނުއަރީ 2026

|

މަރިޔަމް ލީމް

އދ. އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ކީވޯލްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އދ. އޮމަދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ 36 އިންސައްތަ ނިމިފައިވާއިރު، ކީވޯލްގެ ކޮންކްރީޓް ކެޕިންގެ ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް އެމްޓީސީސީން "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސައިޓަށް ގެންގޮސް، ހިލަތައް އެ ސަރަޙައްދަށް ބޭލުމުގެ މަސައްކަތް ކޮށްފައެވެ. އަދި މީގެ އިތުރުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ކުރިއަަށްދާ ކަމަށް އެމްޓީސީސީން އޭރު ބުނެފައިވެއެވެ.

އޮމަދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2023 ވަނަ އަހަރުއެވެ.

އެހެންނަމަވެސް އެކި ސަބަބުތަކާހުރެ، އޮމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އޮތީ ހުއްޓިފައެވެ.

އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް 2024 ވަނަ އަހަރު ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އޮމަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، ކުރިން ހަދާފައިވާ އދ. އޮމަދޫ ބަނދަރު 25 ވަރަކަށް އަހަރު ފަހުން، އަލުން ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، އދ. އޮމަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވިއެވެ. 

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުގައި، ތަރައްްޤީގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު