ENGLISH

07 ޖެނުއަރީ 2026

Advertisement

ސަރުކާރާއި ކައުންސިލާ ނުގުޅޭނަމަ ތިނަދޫ ސިޓީއަށް ތަރައްގީއެއް ނާންނާނެ: އަޖީބު

04 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އަޖީބު އެމްއެމްޓިވީގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ.

މައި ސަރުކާރާ ކައުންސިލްތަކާ ނުގުޅޭނަމަ ތިނަދޫ ސިޓީއަށް ތަރައްގީ ނާންނާނެ ކަމަށް އެ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު އަޖީބު ވިދާޅުވެއްޖެއެވެ.

އަޖީބު މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދޭން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމެވީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އެކަމަކު، ގާނޫނު އޮތް ގޮތުން 2024 ވަނަ އަހަރާ ހަމައަށް އައިއިރުވެސް  އެ ސިޓީގައި އޮތީ ރަށު ކައުންސިލެކެވެ. މިކަން ބަދަލުކުރައްވައި ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ މި ސަރުކާރުންނެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނީ ގޮތުން އޮތް ހުރަސް ނައްތާލުމަށްޓަކައި، ލާމާރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވީ 2024 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. 

އެއަށްފަހު އެމަނިކުފާނު އެސީޓީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައިވެސް ހަގީގީ މާނައިގައި ތިނަދޫ ސިޓީއަކަށް ހަދައިދެއްވާނެކަމަށް ވިދާޅުވިއެވެ.

އަޖީބު ވިދާޅުވީ ތިނަދޫ ސިޓީގެ ރައްޔިތުންގެ އުއްމީދުތަކެއް އެބަހުރިކަމަށާއި އެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެހިގެންދާނީ ކޮންގްރެސް ޕާޓީގެ ކައުންސިލެއް އޮވެގެން ކަމަށެވެ.

ތިނަދޫގައި ސިޓީއެއްގައި ހުންނަންޖެހޭ ގިނަ ސިފަތަކެއް ހުރިކަން ފާހަގަކުރައްވައި މި ސިފަތައް ގެނެވޭނީ ތިނަދޫ ސިޓީ ކައުންސިލުން ކުރެވޭ މަސައްކަތްތަކުންކަން އަޖީބު ފާހަގަކުރެއްވިއެވެ. 

އަޖީބު ވިދާޅުވީ ރައްޔިތުން އެދޭ ތަރައްގީ ހޯދައިދިނުމުގައި ކައުންސިލްތަކުން މައި ސަރުކާރާއެކު މަސައްކަތްކުރަން ޖެހޭކަމަށެވެ. ސަރުކާރާއި ކައުންސިލާ ނުގުޅޭނަމަ ތިނަދޫ ސިޓީއަށް ތަރައްގީ ނާންނާނެކަމަށް އަޖީބު ތަކުރާރުކޮށް ވިދާޅުވިއެވެ. 

"ތިނަދޫ ސިޓިއަށް ގެންނަން ބޭނުންވާ ތަރައްގީ ގެނެވޭނީ މިހާރު އޮތް ސަރުކާރާ ގުޅިގެން. ކުރިން ފެންނަނީ ސަރުކާރަށް ޖެއްސުންކޮށް ދުއްތުރާކުރާތަން. އެގޮތަށް އޮތް ކައުންސިލެއް އޮވެގެން ތަރައްގީއެއް ނާންނާނެ. ޔުނިޓަރީ ދައުލަތެއް ރާއްޖޭގައި ހިނގާއިރު ކައުންސިލްތައް އޮންނަނީ މައި ސަރުކާރަށް ބަރޯސާވެފައި." - ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުޙައްމަދު އަޖީބު

ސަރުކާރުގެ ސިޔާސަތުތައް ތިނަދޫ ރައްޔިތުން ބަލައިގަންނަކަމަށާއި އޭގެތެރެއިންވެސް އައު ޖީލަކީ ދުންފަތުން ދުރުހެލިވެފައިވާ ޖީލަކަށް ހެދުމަށް ގެންގުޅޭ ސިޔާސަތާއި ދަރަނީގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ތިނަދޫ ރައްޔިތުން ސަރުކާރަށް ފުރިހަމައަށް ތާއީދުކުރާކަމަށް އަޖީބު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު