ENGLISH
07 ޖެނުއަރީ 2026
ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ 75 އިންސައްތަ ތައްޔާރުވެއްޖެ
04 ޖެނުއަރީ 2026
|
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.
ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ 75 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވުޒާރާގެ ޒިންމާގެ ދަށަށް އައީ އެންމެ އެކަށީގެންވަ ގޮތެއްގައި އެކަން ތަރުތީބު ނުކުރެވި އޮތް ހާލަތެއް މެދުވެރިވި ވަގުތެއްގައިކަމަށެވެ. ނަމަވެސް ދިމާވި ދަތިތަކުން އަރައިގަނެ 2 ދުވަހުގެ ތެރޭގައި ރަނގަޅު އިންތިޒާމެއްގެ ދަށުން ދައުލަތުގެ މުއަައްސަސާތަކާ ގުޅިގެން ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާކަމަށެވެ.
"އެހެންނަމަވެސް އޭރު ދިމާވި އަނެއް ގޮންޖެހުމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްދަޅު ބަހަންޖެހުނުއިރު ދުރާލާ ތައްޔާރުވެވިފައި ނެތުމުގެ ސަބަބުން އެންމެ އެކަށީގެންވާވަރަށް މަސްދަޚުތަކެއް ނެތް އޭރު ތައްޔާރުކުރެވިފައެއް. އެކަމުގެ ތަޖުރިބާގެ އަލީގައި މިއަހަރު މިއަންނަނީ ތައްޔާރުވަމުން. އެގޮތުން މިފްކޯއިން އަޅުގަނޑުމެންނަށް މައުލޫމާތުދޭ ގޮތުގައި ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ 75 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފަ." - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ވަޒީރު އިތުރަށް ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތްތަކާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މި ހިނގާ ޖަނަވަރީ މަހުގެ ކުރީކޮޅު ފެށިގެންދާނެކަމަށެވެ.
ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެއްގެ ގޮތުގައި މި ދިޔަ އަހަރުން ފެށިގެން، ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެއްޓެވި ހަދިޔާއެކެވެ.
މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފައެވެ. އެއީ މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50،519 މަސްދަޅު ކޭހާއި. އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭހެވެ.
ކުރިއަށް އޮތް ރަމަޟާންމަހު ރޯދަ ހަދިޔާ ގޮތުގައި މަސްދަޅުކޭސް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު ރަމަޟާންމަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް ދައްކަންޖެހެނީ 400 ރުފިޔާކަން ހާމަކުރައްވައި ކަރަންޓު ބިލުންވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ޑިސްކައުންޓު ލިބޭނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.