ENGLISH

21 މާރިޗު 2026

Advertisement

އެމްކިއުއޭގެ ހުއްދަ ނެތި އެވިޑު ކޮލެޖުން ލަންކާގައި ކޯސްތަކެއް ހިންގި މައްސަލައެއް؛ ނަސޭހަތް ދޭތާ އަހަރު ދުވަސްވެއްޖެ

03 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކޮށްފައިވާ އެކްރެޑިޓޭޝަނާ ހިލާފަށް އެވިޑު ކޮލެޖުން ލަންކާގައި ކޯސްތަކެއް ހިންގި މައްސަލައެއް ފެންމަތިވެ، އެ ކޮލަޖަށް ނަސޭހަތްދީފިކަން އެމްކިއުއޭއިން މިއަދު ހާމަކޮށްފިއެވެ. 

މިއަދު އެމްކިއުއޭއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ލަަންކާގެ ދެ މުއައްސަސާއެއް ކަމުގައިވާ "އެމަޒޯން ކޮލެޖް"އާއި "އަލްޒެޓް ޔުނިވަސިޓީ"ގައި އެމްކިއުއޭއިން އެކްރިޑިޓޭޝަޝަން ދީފައިވާ ޕްރޮގުރާމުތަކެއް، އެފަދަ ޕްރޮގުރާމުތައް ރާއްޖެއިން ބޭރުގައި ހިންގުމާ ގުޅޭ އުސޫލާ ހިލާފަށް އެވިޑް ކޮލެޖުން ހިންގާފައިވާ ކަމަަށެވެ. 

އެވިޑު ކޮލެޖުން މަތީ ތައުލީމު ދޭ ލަންކާގެ ދެ މުއައްސަސާއެއްގައި އެތަނުގެ ކޯސްތަކެއް ހިންގިކަން އެމްކިއުއޭގެ ސަމާލުކަަމަށް އައީ އެ ކޯސްތައް އެތަންތަނުން ފުރިހަމަކުރި ބައެއް ދަރިވަރުން ސަނަދުތައް އެކްރެޑިއޭޓްކުރުމަށާއި ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެމްކިއުއޭއަށް ހުށަހެޅުމުންނެވެ. 

އެމްކިއުއޭއިން އިތުރަށް ބުނީ އެ އިދާރާއަށް އެނގިފައިވާ ގޮތުން ލަންކާގެ "ޗެސްޓާ ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން" އާއި "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް" އާއި "އިނޮވޭޓަސް ކެމްޕަސް" އާއި "ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް"ގެ އިތުރުން "ބިޓްވިން ކެމްޕަސް"ގައި، އެވިޑް ކޮލެޖުގެ ބައެއް ކޯސްތައް ހިންގަން އިއުލާނުކޮށް ދަރިވަރުން ހޯދުމަށް އިޝްތިހާރުކޮށްފައިވެއެވެ. 

އެ އޮތޯރިޓީން  ބުނެފައިވަނީ މި ތަންތަނަކީ ލަންކާގެ މަތީ ތައުލީމާ ބެހޭ އިދާރާތއް ކަމުގައިވާ ޔީޖީސީ، ޓިވެކް އަދި މިނިސްޓްރީ އޮފް އެޑިއކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަން އެޑިއުކޭޝަން ފަދަ އެއްވެސް ތަނެއްގައި ރަޖިސްޓްރީކޮށްގެން މަތީ ތައުލީމު ދެމުންދާ ތަންތަން ނޫން ކަމަށެވެ. 

އަދި އެކްރިޑިޓޭޝަން ދީފައިވާ ޕްރޮގުރާމުތައް އެކްރެޑިޓޭޝަންގެ އުސޫލުތަކާ ހިލާފަށް ރާއްޖެއިން ބޭރުގައި ނުހިންގުމަށް އޯގަސްޓު 2024، 29 ވަނަ ދުވަހުން ފެށިގެން ތަކުރާރުކޮށް އެކި ފަހަރު މަތިން އވިޑް ކޮލެޖަށް އަންގާފައިވާ ކަމށެވެ. 

ނަމަވެސް އެ ނަސޭހަތާ އެއްގޮތަށް އަމަލުނުކޮށް ފާއިތުވި އަހަރެއްހައި ދުވަހުވެސް އުސޫލުތަކާއި ގަވާއިދާ ހިލާފަށް އެ އޮތޯރިޓީން ހޯދަންޖެހޭ ހުއްދަތައް ނުހޯދައި މި ކޯސްތައް ލަންކާގެ އެކި މުއައްސަސާތައް މެދުވެރިކޮށް އެވިޑް ކޮލެޖުން ހިންގަމުން އައިސްފައިވާކަން އެ ކޮލެޖުން ހުށަހެޅި ލިޔެކިޔުންތަކާއި އެމްއެމްއޭއިން އެއްކުރި މައުލޫމާތުން އެނގޭކަމަށް އެ އޮތޯރިޓީން ބުންޏެވެ. 

"ވަކިން ޚާއްޞަކޮށް، މިފަދަ ގާވާޢިދާ ޚިލާފު ޢަމަލުތަކުގެ ސަބަބުން، ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް އެކަމުގައި ގެއްލުން ލިބި، އެކަމުގެ ނޭދެވޭ އަސަރުކޮށް ބައިނަލްއަގުވާމީ ދަރިވަރުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އައުމަށް ފަސްޖެހި، ރާއްޖޭގެ ތަޢުލީމީ ފެންވަރާއި މިންގަނޑުތަކާމެދު ސުވާލު އުފެދި، ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ބައިނަލްއަގާވާމީ މަގުބޫލުކަން ގެއްލި، އެ ސަނަދުތައް ބަލައިނުގަތުމުގެ ކަންބޮޑުވުން އެބައޮތް،" އެ އޮތޯރިޓީން ބުނެފައިވެއެވެ. 

އެމްކިއުއޭއިން އެތައް ފަހަރެއްގެ މަތިން އެންގި އެންގުންތަކާ ހިލާފުވެ، އެކްރެޑިޓްކޮށްފައިވާ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގުމުގައި އަމަލުކުރަންޖެހޭ ގަވާއިދާ ހިލާފުވެފައިވާތީ، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދުގެ ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖަށް ނަސޭހަތްތެރިވާން އެމްކިއުއޭއިން ވަނީ ނިންމާފައެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފިޔަވަޅެއްގެ ގޮތުން 8،000 ރުފިޔާއިން ޖޫރިމަނާކޮށް، ތިންވަނަ ފިޔަވަޅެއްގެ ގޮތުން 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު